ޤާހިރާ (ނޮވެމްބަރ 24) : މިސްރުގައި ވެރިކަންކުރާ ޢަސްކަރީ އެންމެމަތީ މަޖިލިސް އިސްތިއުފާދިނުމަށް ގޮވާލައި އެޤައުމުގެ ރައްޔިތުން ކުރިމުޒާހަރާތަކާ ދެކޮޅަށް ބާރުގެބޭނުންކޮށް 40 މީހަކު މަރާލައި އެތަށްހާސްބަޔަކު ޒަޚަމްކޮށްލިމައްސަލާގައި ޢަސްކަރީ މަޖިލީހުން މަޢާފަށް އެދިއްޖެވެ.

ޢަސްކަރީ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ވޭތުވެދިޔަ ދެހަފްތާތެރޭގައި މިސްރުގެ މިލިޔަނަކަށްވުރެ ގިނަމީހުން ޤާހިރާގެ މައިދާނުއްތަޙްރީރަށް ޖަމާވެ އެމަޖިލީހުގެ މެންބަރުންގެ އިސްތިއުފާއަށް ގޮވާލައިކުރަމުން ގެންދިޔަ މުޒާހަރާތަކަށް ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން 40 މީހަކުމަރުވެ އެތަށްހާސްބަޔަކު ޒަޚަމްވި ޖަރީމާތައް ވަރަށް ބޮޑަށް ކުށްވެރިކޮށް އެޖަރީމާތަކާއި ޢަސްކަރީ މަޖިލީހާ އެއްވެސް ގުޅުންނެތް ކަމަށް ބުނެފައިވެއެވެ.

މިމުޒާހަރާތައް ރޫޅާލުމަށްޓަކައި ސަލާމަތީ ބާރުތަކުންދިން ޙަމަލާތަކުގައި މަރާލެވުނު މީހުންނަކީ ޝަހީދުންކަމަށާއި އެމީހުންގެ ޢާއިލާތަކަށް ތަޢްޒިޔާ ރައްދުކުރާކަމަށް ޢަސްކަރީ މަޖިލީހުގެ ބަޔާނުގައިވެއެވެ. އަދި މުޒާހަރާތަކާ ދެކޮޅަށް ބާރުގެބޭނުންކުރި މައްސަލަ އަވަސްގޮތެއްގައި ތަޙްޤީޤްކޮށް ބަލާނެކަމަށާއިއެކަންބެލުމަށްފަހު މިކަމުގައި ޒިންމާއުފުލަންޖެހޭ ފަރާތްތަކުގެ މައްސަލަ ޝަރީޢަތަށް ހުށަހަޅާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި މުޒާހަރާތަކުގައި މަރާލެވުނު މީހުންގެ ޢާއިލާތަކަށް ފައިސާގެ އެހީއާއި ޒަޚަމްވި މީހުންނަށް ހިލޭބޭސްފަރުވާދިނުމަށް ހަމަޖެހިފައިވާކަން ހާމަކުރަމުން މުޒާހަރާކުރާ ފަރާތްތަކާދެކޮޅަށް ސަލާމަތީ ބާރުތަކުންމިފަދަ ޖަރީމާތައް ދެން ހިންގިޔަނުދޭނެކަމުގެ ޔަގީންކަންދޭކަންވެސް ޢަސްކަރީ މަޖިލީހުގެ ބަޔާނުގައި ދީފައިވެއެވެ.

މިސްރުގައި ވެރިކަންކުރާ ޢަސްކަރީ އެންމެމަތީ މަޖިލިސް އިސްތިއުފާދިނުމަށް ގޮވާލައި ޤާހިރާގެ މައިދާނުއްތަޙްރީރުގައި ކުރިޔަށްގެންދާ މުޒާހަރާތައް އަދިވެސް ނިމުމަކަށް ނާދެއެވެ. މިމުޒާހަރާތައް ކުރަމުން ގެންދަނީ ޢަސްކަރީ އެންމެމަތީ މަޖިލީހުން މިސްރުގެ ވެރިކަމަށްއަތްގަދަކުރަން މަސައްކަތްކުރާ ކަމަށް ބުނެއެކަމާދެކޮޅު ހެދުމުގެގޮތުންނެވެ. މިސްރުގެ ވެރިކަން ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސަކާޙަވާލުކުރުމުގެ ކަންތައް (ރިޔާސީ އިންތިޚާބުގެ ކަންތައް) ޢަސްކަރީމަޖިލީހުން ގަސްދުގައި ލަސްކުރަމުން ގެންދާކަމަށް މައިދާނުއްތަޙްރީރުގައިއިޙްތިޖާޖްކުރަމުން ގެންދާ ޢާންމުންނާއި އެކްޓިވިސްޓުން ތުހުމަތުކޮށްފައިވެއެވެ.

ޢަސްކަރީ މަޖިލީހާ ދެކޮޅަށް ކުރި މުޒާހަރާތަކާއި އިޙްތިޖާޖްތަކާ ގުޅިގެން އެމަޖިލީހުންވަނީ މިސްރަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ ގަޑުބަޑުތަކުން ޤައުމުސަލާމަތްކުރާނެ ވަގުތީ ސަރުކާރެއް އުފައްދައި ރިޔާސީ އިންތިޚާބު އަންނައަހަރުގެ ޖުލައި މަހު ބޭއްވުމަށް ނިންމިކަންއިޢްލާންކޮށްފައެވެ. މިކަން އިޢްލާން ކުރެއްވީ ޢަސްކަރީ މަޖިލީހުގެ ރައީސް ފީލްޑް މާޝަލްމުޙައްމަދު ޙުސައިން ތަންތާވީ ޤައުމާ މުޚާތަބުކުރައްވައި މިދިޔަ ބުދަދުވަހުގެރޭ ދެއްވިޚިތާބެއްގައެވެ.
ޢަސްކަރީ މަޖިލީހުން މިނިންމުންތައް ނިންމީ މިހާރުކުރިމަތިވެފައިވާ ސިޔާސީ ގަޑުބަޑުތަކުން މިސްރު ސަލާމަތްކުރުމަށް ކަމަށްއެމަޖިލީހުގެ ވެރިޔާ ފީލްޑް މާޗަލް ޙުސައިން ތަންތާވީ ވިދާޅުވިއެވެ. ތަންތާވީގެ ޚިތާބުގައި ރައްޔިތުން އިންތިޚާބުކުރާ ސަރުކާރަކާމިސްރުގެ ވެރިކަން ޙަވާލުނުކޮށް ވެރިކަމުގައި ދެމިތިބުމުގެ ރޭވުމެއް އަދި ވިސްނުމެއްނެތް ކަމުގެ ޔަގީންކަން ދެއްވިނަމަވެސް ޢަސްކަރީ މަޖިލީހަށް ގިނަބަޔަކު އިތުބާރުނުކުރާތީ މުޒާހަރާތަކާއި އިޙްތިޖާޖްތައް އަދިވެސް ނިމުމަކަށް ނާދެއެވެ. (އަލްޖަޒީރާ+ބީ.ބީސީ)