02 Dec 2019, 12:33
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދެއްވި ކަމަށް ބުނާ 29 މިލިއަން ރުފިޔާގެ ލޯނު އަނބުރާ ނުދެއްކިއްޖެ ނަމަ، ރައީސް މައުމޫންގެ ގެކޮޅު މއ. ކިނބިގަސްދޮށުގެ ނަގައިދިނުމަށް އެދި ޖާބިރު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.
މިދިޔަ ރިޔާސީ ދައުރުގެ ތެރޭގައި ރައީސް މައުމޫން ބޭނުންފުޅުވެގެން، ސިޔާސީ މަސައްކަތްތަކަށް 29 މިލިއަން ރުފިޔާގެ ލޯނެއް ދެއްވި ކަމަށް ޖާބިރު ވިދާޅުވެ އެވެ. އެކަމަކު އެ ފައިސާ އަނބުރާ ނުދައްކައިގެން ޖާބިރު އެތައް ފަހަަރެއްގެ މަތިން ވަނީ މައުމޫނަށް ފާޑުވިދާޅުވެފަ އެވެ.
މިހާރު އެ ފައިސާ ނުދައްކައިގެން ޖާބިރުގެ ފަރާތުން ވަނީ ސިވިލް ކޯޓަށް މައްސަލަ ވައްދައިފަ އެވެ. އެ މައްސަލައިގައި އެދިފައި ވަނީ އެ 29 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްދިނުމަށެވެ. އަދި އެ ފައިސާ ނުދެއްކިއްޖެ ނަމަ މައުމޫންގެ ގެކޮޅު ކިނބިގަސްދޮށުގެ ނަގައިދިނުމަށް ހުކުމްކޮށްދިނުމަށް އެދިފައިވެ އެވެ.
ޖާބިރުގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، ލޯނު އަނބުރާ ނުދެއްކިއްޖެ ނަމަ ކިނބިގަސްދޮށުގެ އެ ފައިސާގެ މުގާބިލުގައި ދޭން މައުމޫން އެއްބަސްވެވަޑައިގެންނެވި ކަމަށެވެ. އަދި މައުމޫނަށް ލޯނު އަނބުރާ ނުދެއްކިފަައިވާއިރު ވެސް ކިނބިގަސްދޮށުގެ ނުދީ ހިފަހައްޓަމުންދާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
މައުމޫން ނެންގެވި ކަމަށް ބުނާ ފައިސާ އަނބުރާ ނުދިނުމުގެ ސަބަބުން އެ ފައިސާއިން ކުރަން ހުރި ވިޔަފާރިތައް ނުކުރެވި ގެއްލުންވަމުންދާ ކަމަށް އެ މައްސަލައިގައިވެ އެވެ.
ލޯނު ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނެތް ނަމަވެސް، އެއީ ހިނގި މުއާމަލާތެއްކަން އެކަން ހިނގި އިރު ހާޒިރުގައި ތިބި ހެކިވެރީންގެ ހެކިބަހުން ސާބިތުވާނެ ކަމަށް ޖާބިރު ހުށަހެޅުއްވި މައްސަލައިގައިވެ އެވެ.
ޖާބިރު އަތުން މައުމޫން ނެންގެވި ކަމަށް ބުނާ ފައިސާ ނުދީގެން ޖާބިރު އެންމެ ފުރަތަމަ އެ މައްސަލަ ފުލުހަށް ހުށަހެޅުމުން ހެކި ނެތް ކަމަށް ބުނެ ފުލުހުން މައްސަލަ ނުބެލި އެވެ. އެހެން ނަމަވެސް ހެއްކާ އެކު ކަމަށް ވިދާޅުވެ ދެވަނަ ފަހަރަކުވެސް ޖާބިރު އެ މައްސަލަ ހުށަހެޅުއްވި އެވެ. އެފަހުން އޭނާގެ މަންމާފުޅުގެ އެދުމުުމުގެ މަތިން މައުމޫނަށް މައާފް ކުރައްވާފައިވާ ކަމަށް ޖާބިރު ވިދާޅުވެފައިވެ އެވެ.