02 Dec 2019, 12:38
ގާނޫން އަސާސީގައި ހިމެނޭ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މާއްދާ 29 އަށް އަހުލުވެރިކުރުމުގެ ގޮތުން ކެމްޕޭންއެއް ލޯންޗްކޮށްފި އެވެ.
އެ ކެމްޕޭން ލޯންޗްކުރީ މިއަދު ހެނދުނު ސްޓެލްކޯގެ އޮޑިޓޯރިއަމް މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ކެމްޕޭންގެ ދަށުން ދައުލަތުގެ މުވައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން މިހާރަށް ވުރެ ބޮޑަށް އެ ގާނޫނަށް އަހުލުވެރިވެގެންދާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުންޏެވެ.
"މާއްދާ 29، މިވެސް ހައްގެއް"ގެ ނަމުގައި ކުރިއަށް ގެންދާ އެ ކެމްޕޭން ތިން މަސް ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުންޏެވެ.
އެ ކެމްޕޭންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި މީޑިއާ މެދުވެރިކޮށް ޕްރޮގްރާމްތައް ހެދުމާއި ސްޕޮޓްތައް ދެއްކުމާއި އެކި އުމުރުފުރާތަކަށް ހާއްސަކޮށް މައުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމާއި ޕެެނަލް ޑިސްކަޝަންތައް ބޭއްވުން ހިމެނެ އެވެ.

"މާއްދާ 29، މިވެސް ހައްގެއް" ކެމްޕޭން ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން----ފޮޓޯ: އިންފޮމޭޝަން ކޮމިޝަނާ އޮފީސް
އޭގެ އިިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް މައުލޫމަތު ފެތުރުމަށް ޓަކައި ފޭސްބުކް އަދި ޓުވިޓާ މެދުވެރިކޮށް މައުލޫމަތު ފެތުރުމާއި ބިލްބޯޑް ބަހައްޓައިގެން އާންމު ތަންތާނގައި މައުލޫމާތު ދިނުން ހިމެނެ އެވެ.
އެ ކެމްޕޭންގެ ތެރެއިން މައުލޫމާތުގެ ގާނޫނުގައި ހާއްސަކަމެއް ދެވިފަިއވާ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ވެސް ފަސޭހަކަމާ އެކު މައުލޫމާތު ލިބިގެންދާނެ ކަމަށް ވެސް އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުންޏެވެ.