ރިޔާޟް (ނޮވެމްބަރ 24) : ޔަމަންގެ ވެރިކަން ދޫކޮށްލުމުގެ އެއްބަސްވުމުގައި ރައީސް ޢަލީ ޢަބްދުﷲ ސާލިޙް ސޮއިކުރައްވައިފި އެވެ. މިއެއްބަސްވުން ބިނާވެފައި ވަނީ ޔަމަންގެ ވެރިކަން ބަދަލުކުރުމާ ބެހޭ ގޮތުން ގަލްފުގެ ޤައުމުތަކުން އެކުލަވާލާފައިވާ ހުށަހެޅުމުގެ މައްޗަށެވެ.

ޔަމަންގެ ވެރިކަން ބަދަލުކުރުމާ ބެހޭ ގޮތުން ގަލްފުގެ ޤައުމުތަކުން އެކުލަވާލާފައިވާ ހުށަހެޅުމުގައިވަނީ ޔަމަންގެ ނައިބު ރައީސާ ވެރިކަން ހަވާލުކުރުމަށް ފަހު 90 ދުވަހުގެ ތެރޭގައި ރައީސް ސާލިޙް ވެރިކަމުން ދުރުވެ ވަޑައިގަތުމެވެ. މިހުށަހެޅުން ޤަބޫލު ކުރައްވަންތައްޔާރަށް ހުންނެވިކަމަށް ރައީސް ސާލިޙް ތަކުރާރުކޮށް ވިދާޅުވިނަމަވެސް މިހުށަހެޅުމާއެއްގޮތަށް ވެރިކަން ދޫކޮށްލެއްވުމަށް އެތައް ފަހަރަކު އޭނާ ވަނީ ފަސްޖެހިވަޑައިގެންފަ އެވެ.

ނަމަވެސް ޔަމަންގެ އިދިކޮޅުފަރާތްތަކުގެ ބާރު ދުވަހެއް ދުވަހަކަށް ގަދަވެ ރައީސް ސާލިޙްގެ ވެރިކަން ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ޖުމްހޫރީ ގާޑުންގެ މަރުކަޒުތަކަށް އިދިކޮޅުފަރާތްތައް ޙަމަލާތައް ދިނުމާ އެކު ޔަމަންގެ ވެރިކަން ބަލިކަށިވާން ފެށުމުން ގަލްފުގެ ހުށަހެޅުމާއެއްގޮތަށް ވެރިކަން ދޫކޮށްލެއްވުމުގެ އެއްބަސްވުމެއްގައި ރައީސް ޢަލީ ޢަބްދުﷲ ސާލިޙް ސޮއިކުރައްވީ ކަމަށް ޚަބަރުތައް ބުނެ އެވެ. ވެރިކަން ދޫކޮށްލެއްވުމުގެ އެއްބަސްވުމުގައި ރައީސް ސާލިޙް ސޮއިކުރެއްވީ ޔަމަންގެ އިދިކޮޅު ފަރާތްތައް ތަމްޘީލްކުރާ މަންދޫބުންނާއި ސަޢޫދީ ރަސްގެފާނު ޢަބްދުﷲގެ ޙާޒިރުގައި ސަޢޫދީ ވެރިރަށް ރިޔާޒްގަ އެވެ.

މިއެއްބަސްވުމުގެ ދަށުން، 90 ދުވަހުގެ ތެރޭގައި ޔަމަންގެ ވެރިކަން ނައިބު ރައީސް ޢަބްދުރައްބު މަންސޫރު ހާދީ އާ ހަވާލުކުރައްވައި ރައީސް ސާލިޙް މަޤާމުން އިސްތިއުފާ ދެއްވަންޖެހޭނެ އެވެ. މީގެއިތުރުން މިއެއްބަސްވުމުގައި ސޮއިކުރުމާ އެކު ވެރިކަމުގެ ތަންފީޒީ ބާރުތައް ނައިބު ރައީސް ޢަބްދުރައްބު މަންސޫރު ހާދީ އާ ޙަވާލުކުރަންޖެހެ އެވެ. އެއަށް ފަހު 90 ދުވަހުގެ ތެރޭގައި ވެރިކަމުން އިސްތިއުފާދެއްވަންދެން ރައީސް ސާލިޙް ހުންނަވަންޖެހޭނީ ބާރުނެތް ރަމްޒީ ވެރިއެއްގެ ގޮތުގަ އެވެ.

މީގެ 33 އަހަރުކުރިން ޢަސްކަރީ އިންޤިލާބެއްގައި ވެރިކަން ހޯއްދެވި ކާރނަލް ޢަލީ ޢަބްދުﷲ ސާލިޙްގެ ވެރިކަން ވައްޓާލުމަށްޓަކައި އިދިކޮޅު ފަރާތްތަކާ އެކު ރައްޔިތުން އުތުރިއަރަންފެށީ މިދިޔަ ޖަނަވަރީ މަހުގެ ކުރީކޮޅުގަ އެވެ. އެއަށް ފަހު ފާއިތުވި 10 ވަރަކަށް މަސްތެރޭގައި ޔަމަންގެ ސަލާމަތީ ބާރުތަކުން ދިން ޙަމަލާތަކުގައި އެކްޓިވިސްޓުންނާއި ޢާންމުންގެ 2 ހާހެއްހާ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)