ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުފުންޏަށް ބަދަލު ދޭން ނިންމި މައްސަލައިގައި އިހުމާލުވާ މީހުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ފާސްކޮށްފި އެވެ.

ނޫމަޑިން އެ މައްސަލައިގައި ބަދަލުހޯދަން ހުށަހެޅީ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށެވެ. ބަދަލެއްގެ ގޮތުގައި ހޯދަން އެ ކުންފުނިން ހުށަހެޅީ 155 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށެވެ. ނަމަވެސް ސަރުކާރުން ވަނީ، އާބިޓްރޭޝަނުން ބޭރުން މައްސަލަ ހައްލުކޮށް، މިދިޔަ އޮގަސްޓް މަހު ސެޓްލްމަންޓް އެގްރީމަންޓެއް ހެދުމަށްފަހު، އެކުންފުންޏަށް ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު (848 މިލިއަން ރުފިޔާ) ދީފަ އެވެ.

މިއަދު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާ މެމްބަރު ހުށަހެއްޅުވީ، ނޫމަޑި މައްސަލައިގައި ދައުލަތާ ދެކޮޅަށް ހެކި ބަސް ދިން ކަމަށް ބުނާ އޭރުގެ ހައުސިން މިނިސްޓަރަށް ޑރ. މުހައްމަދު މުއިއްޒުގެ މައްސަލަ ހިމެނޭ ގޮތަށް، އެ މައްސަލައިގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށެވެ.

އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ދާންދޫ ދާއިރާ މެމްބަރު ޔައުގޫބު އަބްދުﷲ އެވެ.

އެ ހުށަހެޅުން ފާސްވީ، ކޮމިޓީއަށް ވަޑައިގެންނެވި ހުރިހާ މެމްބަރުންގެ ވޯޓާއެކު އެވެ.

މިއަދު ކޮމިޓީގައި ވަނީ މުއިއްޒު ކޮމިޓީއަށް ދޮގު މައުލޫމަތު ދިން ކަމަށް ބުނާ މައްސަލަވެސް ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ފުލުހަށް ހުށަހެޅުމަށް ފާސްކޮށްފަ އެވެ.