ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އަބޫދާބީގެ ވަލީ އަހުދު، ހިޒް ހައިނަސް ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާނާ ބައްދަލުކުރައްވައި ވަނީ މަޝްވަރާކުރައްވާފައިވެ އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޔޫއޭއީގެ 48 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި، އަބޫދާބީގެ ވަލީއަހުދަށާއި ޔޫއޭއީގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން އިތުރަށް ބުނީ، ޔޫއޭއީއަކީ ވިޔަފާރިއާއި އިގްތިސާދީ، އިޖްތިމާއީ ދާއިރާއިން މަޝްރޫއުތައް ހިންގުމާ އަދި އެކިގޮތްގޮތުން ވަރަށްބޮޑު އެއްބާރުލުމަކާ އެހީތެރިކަމެއް ދެމުން އަންނަ، ރާއްޖޭގެ ރައްޔިތުންގެ ގާތް އެކުވެރި ގައުމެއްކަން ރައީސް ފާހަގަކުރެއްވި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ވަލީއަހްދު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނީ، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި ބައިނަލްއަގްވާމީ މުހިންމު ކަންކަމުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށެވެ.

ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ކުރިޔަށް އޮތް އަހަރުތަކުގައިވެސް ދެ ގައުމުގެ ގާތް އަހުވަންތަގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރައީސް ޔޫއޭއީއަށް ކުރެއްވި މިދަތުރުފުޅުގައި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީ އަހުދު، ހިޒް ހައިނެސް ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދައުވަތަކަށް، ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.