ބަޣްދާދު (ޑިސެމްބަރު 2) : އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލްމަހްދީގެ އިސްތިއުފާ އެގައުމުގެ ޕާލަމެންޓުން ގަބޫލުކޮށްފި އެވެ. އިރާގުގެ ޕާލަމެންޓްގެ ރައީސް މުހައްމަދުލް ޙަލްބޫސީ ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ބޮޑުވަޒީރު އާދިލް އަބްދުލްމަހްދީގެ އިސްތިއުފާ ޕާލަމެންޓުން ގަބޫލުކޮށްފައިވާ ކަމުގަ އެވެ.

މީގެ އިތުރުން ޙަލްބޫސީ ވަނީ އިރާގުގެ ދެކުނުގެ ސަރަހައްދުތައް ކަމަށްވާ ބަސަރާ، ސަމާވާ، ކަރްބަލާ، ނަޖަފް އަދި އުންމު ގަސްރުގައި ހިނގަމުންދާ މުޒާހަރާތަކާ ދެކޮޅަށް ސަރުކާރުން ބާރުގެ ބޭނުންކުރި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ޕާލަމެންޓުން ބެލުމަށް ވެސް ނިންމަވައިފަ އެވެ.

އަބްދުލްމަހްދީ އިސްތިއުފާ ދެއްވި ނަމަވެސް އިރާގުގެ ވެރިކަންކުރާ ފަތްޙު ކޯލިޝަނުން އިރާގުގެ ބޮޑުވަޒީރު ކަމަށް އަދި ބޭފުޅަކު އިޚްތިޔާރުކޮށްފައެއް ނުވެ އެވެ. ވެރިކަންކުރާ ފަތްޙު ކޯލިޝަންގެ އިސްވެރިއާ ހާދީ އަލްޢާމިރީ ވިދާޅުވީ ފަތްހު ކޯލިޝަނުން އިރާގުގެ ބޮޑުވަޒީރު ކަމަށް އަދި ބޭފުޅަކު އިޚްތިޔާރު ނުކުރާކަމަށާ އެކަމާ ބެހޭ ކޯލިޝަންގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމުގަ އެވެ.

މީގެ ދެމަސްކުރިން އިރާގުގެ އެކި ކަންކޮޅުތަކުގައި ސިލްސިލާ ގޮތެއްގައި މުޒާހަރާތައް ފެށީ ކޮރަޕްޝަން އާންމުވެފައިވުމާއި ސަރުކާރުން ރައްޔިތުންނަށްދޭ އާންމު ޚިދްމަތްތަކުގެ ފެންވަރު އާދަޔާ ޚިލާފަށް ދަށްވުމާއި ވަޒީފާގެ ފުރުސަތުތައް ނެތުމާއި ރައްޔިތުންގެ އަތްމަތި ދަތިވެ ފަގީރުކަން އާންމުވުމުގެ ސަބަބުންނެވެ.

މި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ބޮޑުވަޒީރު އާދިލް އަބްދުލްމަހްދީގެ ސަރުކާރު ނުކުޅެދިފައިވާއިރު އިސްތިއުފާގެ ސިޓީގައި މަހްދީ ވިދާޅުވެފައި ވަނީ އެ މައްސަލަތަކަކީ އެތައް އަހަރަކުން ފެށިގެން އޭނާގެ ބޮޑުވަޒީރު ކަމުގެ ދައުރާ ހަމައަށް އައިސްފައިވާ މައްސަލަތަކެއް ކަމަށާ އަދި އަހަރެއްނުވާ އޭނާގެ ސަރުކާރަށް އެމައްސަލަތައް ކުއްލި ގޮތަކަށް ހައްލު ނުކުރެވޭނެ ކަމުގައެވެ.

މުޒާހަރާ ކުރާފަރާތްތަކުން ދަނީ ޕާލަމެންޓުން އާދިލް އަބްދުލްމަހްދީގެ އިސްތިއުފާ ގަބޫލުކުރުމުން އެކަމާ އުފާ ފާޅު ކުރަމުންނެވެ. ނަމަވެސް މުޒާހަރާ ކުރާފަރާތްތަކުން އެދެނީ އިރާގުގެ ރައީސްވެސް އިސްތިއުފާ ދެއްވައި ޕާލަމެންޓް ވެސް އުވާލައި އަލުން އިންތިޚާބެއް ބައްވައިގެން އިރާގުގެ ވެރިކަމަށް އައު ފަރާތްތަކެއް ގެނަސް މައްސަލަތައް ހައްލުކޮށް ކޮރަޕްޝަނުގެ އަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޝަރީއަތް ހިންގުމަށެވެ. (ނޫސްއެޖެންސީތައް)