މި އަހަރުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، ދެ ބޭފުޅަކަށް، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 13 ބޭފުޅަކަށާއި ކުންފުންޏަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޤައުމީ އިނާމާ ބެހޭ ކޮމިޓީން ބުނެފި އެވެ.

މި އަހަރުގެ ޤައުމީ އިނާމު ދޭ ފަރާތްތަކާ ބެހޭ މަޢުލޫމާތު ނޫސްވެރިންނަށް ދެއްވަމުން އެކޮމިޓީގެ ޗެއާމަން މަހުމޫދު ރާޒީ ވިދާޅުވީ މިފަހަރު އިނާމަށް ނަންތައް ހުށަހެޅި ދާއިރާތަކަށް ބަލާއިރު، ވަރަށް ވާދަވެރި ފަރާތްތައް ހިމެނޭ ކަމަށެވެ. އެގޮތުން ކޮމިޓީން ބެލި ބެލުމުގައި އެކަށީގެންވާ މަސައްކަތްތަކެއް ބައެއް ފަރާތްތަކުން ކޮށްފައިވާ ކަމަށް ފެންނާތީ ބައެއް ދާއިރާތަކުން ދެބޭފުޅަކަށް އިނާމުދޭ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މިއަހަރު ދެއްވާ ދެ ބޭފުޅުންނަކީ ވެސް، މީގެކުރިން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށް ގައުމީ އިނާމާ ބެހޭ ކޮމެޓީން ބުންޏެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދިނުން އޮންނާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އަންނަ އާދިއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާ ގައެވެ. އިނާމު ދެއްވާނީ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.

ޝަރަފްވެރި ކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފްގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.