20 Jun 2010, 05:46
10:00
މުވައްޒަފުންގެ މުސާރަ އިހު ހުރި މިންވަރަށް ބޮޑުކުރުމަށް ސިޔާސީ ވާދަވެރި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަކީ ގައުމުގެ ބަޖެޓްގެ ދަރަނިބޮޑުވެ، އިގްތިސާދީ ހަމަޖެހުމަށް ބުރޫއަރާނެ ކަމެއްކަމުގައި އައިއެމްއެފްގެ ރިޕޯޓަކާ ހަވާލާދީ ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތް ރަނގަޅު ކުރުމުގެ ގޮތުން އައިއެމްއެފާއެކު ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމާ ގުޅިގެން އައިއެމްއެފުން މިޖޫން މަހު ނެރެފައިވާ ރިޕޯޓާ ހަވާލާދީ ފިނޭންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ސަބަބުން ދައުލަތުގެ މާލިއްޔަތު އެތައް ގޮތަކުން ރަނގަޅުވާން ފަށައިފައިވާ ކަމަށެވެ. އަދި ސަރުކާރުން މިހާރު އަޅާފައިވާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ކުރިޔަށް ގެންދަންޖެހޭ ކަމަށް އައިއެމްއެފުން ބުނެފައިވާ ކަމަށްވެސް އެބަޔާނުގައިވެ އެވެ.
އައިއެމްއެފްގެ އެ ރިޕޯޓާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރެފައިވާ އެ ނޫސްބަޔާނުގައި ފިނޭންސް މިނިސްޓަރ އަލީ ހާޝިމާ ހަވާލާދީ ބުނެފައި ވަނީ ފާއިތުވި އަހަރުތަކުގައި ރާއްޖެ އަށް ލިބޭ އެއްޗަކަށް ވުރެ ގިނައިން ހަރަދުކޮށްފައިވާ ކަމަށާއި ބޭންކުގައި ފައިސާ ނެތް އިރުވެސް ހަރަދުކޮށްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މިހާރުގެ ސަރުކާރަށް ޖެހިފައި މިވަނީ ކުރީގެ ސަރުކާރުން ވާރުތަވެފައިވާ އަދި ބޮއްސުންލާފައިވާ އިގްތިސާދު އާރާސްކުރުމަށް ކަމަށާއި އަދި ހަރަދު ކުޑަކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް ދުޅަހެޔޮ ދިރިއުޅުމެއް އުޅެވެން އޮތީ ހިތި ބައެއް ތަޖުރިބާއާ ކުރިމަތިލައިގެން ކަމަށްވަންޏާ އެކަންތައް ކުރަންޖެހޭނެ ކަމަށްވެސް އެ ނޫސް ބަޔާނުގައި އަލީ ހާޝިމް ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ވަރަށް ބޮޑެތި މާލީ ދަތިތަކެއް ހައްލުކުރުމަށް ސަރުކާރުގެ ފަރާތުން ވަރަށް ރަނގަޅު ފިޔަވަޅުތަކެއް އަޅާފައިވާކަން އައިއެމްއެފްގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރުމާއި، ސްޓެލްކޯއަށް ސަރުކާރުން ކުރިން ދެމުންގެންދިޔަ ސަބްސިޑީ ހުއްޓާލާ، ކުންފުންޏަށް ދިނުމުގެ ބަދަލުގައި ފޯރުންތެރިކަން ކުޑަ ރައްޔިތުންނަށް ސީދާ ދޭގޮތަށް ހަމަޖެއްސުން އެއީ ރާއްޖޭގެ މާލީ ތިލަފަތް ހަމަހަމަކުރުމަށް ސަރުކާރުން އަޅާފައިވާ ރަނގަޅު ފިޔަވަޅުތަކެއް ކަމަށްވެސް އައިއެމްއެފްގެ ރިޕޯޓްގައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ ނޫސް ބަޔާނުގައިވެ އެވެ. އަދި މިކަމުގެ ސަބަބުން މިދިޔަ އަހަރު ރާއްޖެއަށް ދިމާވި ޑޮލަރުގެ ދަތިކަމަށް ވެސް ފަސޭހަތަކެއް ލިބިފައިވާކަން އައިއެމްއެފްގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ނޫސްބަޔާނުގައިވެ އެވެ.