02 Dec 2019, 00:24
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަނުކުރުމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ ނަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ހުސްވެފައިވާ ޕްރޮސެކިއުޓަަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއުލާނުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި ޕީޖީކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ އިއްޔެ ހެނދުނުން ފެށިގެން މެންދުރުފަހާ ހަމައަށެވެ.
އެ މުއްދަތުގައި ތިން ބޭފުޅަކު އެ މަގާމަށް ކުރިމަތިލެއްވިކަން އެނގިފައިވެއެވެ. އެއީ ކުރީގެ ޑީޕީޖީ ހުސައިން ޝަމީމްގެ އިތުރުން ކުރީގެ ޑީޕީޖީ މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލު އަހްމަދު ޒަނީނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލްކަމަށް އައްޔަނުކުރުމަށް ހ. ހިޔާކަން ހުސައިން ޝަމީމްގެ ނަމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވާފައިވާ ކަމަށެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވީ އޭރު އެމަގާމުގައި ހުންނެވި އާއިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ބަލަމުން ދަނިކޮށް، ބިޝާމް އިސްތިއުފާދެއްވުމުންނެވެ.