02 Dec 2019, 09:05
މީގެ އަހަރުތަކެއް ކުރީން އެތައް ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ބޭންޑު ކަމަށްވާ ޕުސީކެޓް ޑޯލްސްގެ ހުރިހާ މެމްބަރުންނާއެކު އެނބުރި އަތުވެއްޖެ އެވެ.
ނިކޯލް ޝާޒިންގާ ލީޑުން ފެނިގެންދާ އެ ބޭންޑު ވަނީ މީގެ ގާތްގަނޑަކަށް 10 އަހަރު ކުރީން ރޫޅާލާފައިވާ ބޭންޑެކެވެ.
ދާދި ފަހުން އެ ބޭންޑުގެ ހުރިހާ މެމްބަރުންނާއެކު އެނބުރި އައިސްފައިވަނީ މަޝްހޫރު ރިއޭލިޓީ ޝޯ 'އެކްސް ފެކްޓާ"ގެ އެމެރިކާ މުބާރާތުގެ ފައިނަލަށެވެ. އެ ބޭންޑުން އެނބުރި އައިސްފައިވަނީ އެ ގްރޫޕުގެ މުޅީން އާ ސިންގަލް އެއް ކަމަށްވާ "ރިއެކްޓް" އާއެކުގައެވެ.
އެކްސް ފެކްޓާގެ ފައިނަލް ޝޯގައި ނިކޯލް އާއި ގްރޫޕް މެމްބަރުން ވަނީ ރިއެކްޓް ލަވަ ޕާފޯމްކޮށްފައެވެ.
އާ ސިންގަލް އާއެކު ޕުސީކެޓް ޑޯލްސް ވަނީ އެ ބޭންޑުގެ ވޯލްޑް ޓުއާވެސް ލޯންޗުކޮށްފައެވެ. އެ ގްރޫޕުން ބުނެފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ޓުއާ ފަށާނެ ކަމަށެވެ.
ޕުސީކެޓް ޑޯލްސް 2009 ވަނަ އަހަރުގައި ރޫޅާލާފައިވަނީ ބޭންޑު މެމްބަރުންގެ ސޯލޯ ކެރިއަރަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އެހެންނަމަވެސް އެއަށްފަހުގައި ބޭންޑު އަލުން ގުޅޭނެ ވާހަކަ ދައްކަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ އެވެ.