01 Dec 2019, 23:48
ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް އެދި ހުށަހެޅި ތިން ނަމުގެ ތެރޭގައި ހިމެނޭ، ހައިކޯޓުގެ މިހާރުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާ ގުޅޭ ތިން ޝަކުވާއެއް ލިބިފައިވާތީ އެ ޝަކުވާތައް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރު އަބްދުއްރައޫފްއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ތިން ޝަކުވާއެއް ލިބިފައިވާ ކަމަށާއި ރައޫފާ ބެހޭ މަޝްވަރާއެއް ރައީސުލްޖުމްހޫރިއްޔާއަށް އަރުވަނީ ޝަކުވާތަކާމެދު ބަލަންޖެހޭ ބެލުންތައް ބެލުމަށޤފަހުގައި ކަމަށެވެ.
ފަނޑިޔާރު އަބްދުއްރައޫފު އިއްޔެ ވަނީ ޖޭއެސްސީންވެސް އިސްތިއުފާދެއްވާފައެވެ. އޭނާއަކީ 16 މެއި 2017 އިން ފެށިގެން، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް އިންތިހާބުވެފައި ހުންނެވި މެމްބަރެވެ.
ރައޫފުގެ މައްސަލަ ބެލުމަށް ޖޭއެސްސީން ނިންމާފައިވާ އިރު، ރައީސް ފޮނުއްވި އަނެއް ދެ ނަން ކަމުގައިވާ އުއްތަމަފަނޑިޔާރުކަމަށް އަހްމަދު މ. ގުލްފާމުގޭ އަހްމަދު މުއުތަސިމް އަދުނާނާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ސ. މީދޫ ހަސަންކާރިގޭ ހުސްނުއްސުއޫދު އައްޔަނުކުރަން ފެންނަަކަމަށް ޖޭއެސްސީން ވަނީ ރައީސަށް ރޭ ލަފާ އަރުވާފައެވެ. އެއާއެކު ރައީސް ސޯލިހު މިހާރު ވަނީ އެ ދެ ބޭފުޅުންގެ ނަމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.
ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ ތިން މަގާމެއް ހުސްވެފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރުކަމުގައި ހުންނެވި އާދަމް މުހައްމަދު އަބްދުﷲ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ވަކިކޮށް، އަދި ކޯޓުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފަނޑިޔާރު އަބްދުﷲ އަރީފްގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.
ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމްކޯޓުގައި މިވަގުތު ތިއްބެވީ ހަތަރު ފަނޑިޔާރެކެވެ. އެއީ އެ ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
ނަމަވެސް ފަނޑިޔާރު ޣަނީ ވަކިކުރަން ޖޭއެސްސީން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ. އަދި އެ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އަންނަނީ ކުރަމުންނެވެ.