01 Dec 2019, 23:42
ސަސްޕެންޝަނުގައި މިހާރު ހުންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނުން ހައިލަމް ސަސްޕެންޑުކުރީ މި އަހަރުގެ ނަސްރުގެ ދުވަހުގެ ތަހުނިޔާއެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޗޭނު އަޅުވާފައި ހުރި ކާޓޫނެއް ކްރިމިނަލް ކޯޓުގެ މުވައްޒަފުން ހިމެނޭ ވައިބާ ގްރޫޕަކަށް ފޮނުވި މައްސަލައިގައި އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ބެލުމަށްޓަކައި ތަހުގީގަށް ހާޒިރުވުމަށް ޖޭއެސްސީން އެންގުމުން އެކަމަށް އުޒުރުވެރިވެވަޑައިގަތުމުންނެވެ.
ޖޭއެސްސީން ރޭ ބޭއްވި ކޮމިޝަނުގެ 87 ވަނަ ބައްދަލުވުމަށްފަހު ނެރނު ބަޔާނުގައި ކޮމިޝަނުން ބުނެފައިވަނީ ހައިލަމް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 5 ނަންބަރާއި 9 ނަންބަރާ ހިލާފުވެފައިވާ ކަމަށެވެ. ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ސުލޫކީ މިންގަނޑެވެ.
ދިވެހިރާއްޖޭހެ ފަނޑިޔާރުންގެ ގާނޫނު؛
32 (ހ) (5): ފަނޑިޔާރު ކުރާކަމަކުން، ނުވަތަ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކައަކުން، ނުވަތަ ފާޅުކުރާ ހިޔާލަކުން، ނުވަތަ އެނޫންވެސް އެހެންގޮތަކުން، ފަނޑިޔާރުގެ މިނިވަންކަމާއި މުސްތަގިއްލުކަމާޢި، އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދޭނެ ނުވަތަ އުފެއްދިދާނެ އެއްވެސްކަމެއް ނުކުރުން އަދިޔ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ބުރަވެހުރެ ވާހަކަ ނުދެއްކުން؛
32 (ހ) (9): ފަނޑިޔާރުންގެ ހުރިހާ ވަގުތެއްގައިވެސް، ހުރިހާ އަމަލެއްގައިވެސް މުޖުތަމައު ގަބޫލުކުރާ ފެންވަރުގއި އޭނާގެ އަހުލާގާއި އަބުރުގެ ރައްކާތެރިކަން ދެމެހެއްޓުން؛
މީގެ އިތުރުން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ހިމެނޭ މައިގަނޑު ހަތް ކަންތަކުގެ ތެރެއިން މިނިވަންކަމާއި އިންޓަގްރިޓީއާއި އަދި ހިތްތިރިކަމާއި ރިވެތި އަގުލާގާ ގުޅޭ އުސޫލުގެ ބައެއް ނަންބަރުތަކާ (1.8، 3.1، 3.2 އަދި 4.1) ހައިލަމް ކަނޑައެޅިގެން ހިލާފުވެ، ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް ހައިލަމް ކުރެއްވިކަމަށް ކޮމިޝަނަށް އިއްތިފާގުވެފައިވާ ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ. އެ ކަންކަމަކީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ، ފަނޑިޔާރުކަމުގެ މަގާމާ އެކާށީގެން ނުވާފަދަ އަމަލުތަކެއް ކަމަށް ތަހުގީގު ކޮމިޓީއަށް ގަބޫލުކުރެވޭ ކަމަށެވެ.
އެހެންކަމުން ހައިލަމް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމާފައިވާކަމށް އެ ކޮމިޝަނުން ބުންޏެވެ.
ނަސްރުގެ ދުވަހާ ގުޅުވައިގެން ހައިލަމް ވައިބާ ގްރޫޕަކަށް ފޮނުއްވި ފޮޓޯއާ ގުޅިގެން، ކްރިމިނަލް ކޯޓު މެދުވެރިކުރައްވައި ނެރުއްވި ބަޔާނެއްގައި އޭނާ މައާފަށްވެސް އެދިވަޑައިގަތެވެ. ނަމަވެސް ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނީ އެ ބަޔާނަކީ ޖޭއެސްސީއަށް އޭނާ ދިން ބަހެއް ނޫން ކަމަށެވެ.
ހައިލަމްގެ ސުލޫކީ މައްސަލަ ބެލުމަށް ޖޭއެސްސީއަށް ހާޒިރުވާން އެންގީ ނޮވެމްބަރު ހަތަރުވަނަ ދުވަހުގެ ހެނދުނު 8:00 އަށެވެ. ނަމަވެސް އެ ދުވަހަކީ އޭނާ ބައްލަވަމުން ގެންދިޔަ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަނީ ލޯންޑަރިން މައްސަލައިގެ ހުކުމްކުރުމަށްވެސް ތާވަލުކޮށްފައި އޮތް ދުވަހެވެ. އޭނާ އެދުވަހު ކޮމިޝަނަށް ހާޒިރުނުވުމުން އޭނާ ސަސްޕެންޑުކޮށް، ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ގާޒީ އަލީ ރަޝީދާ ޖޭއެސްސީން ހަވާލުކުރިއެވެ.
ގާޒީ އަހްމަދު ހައިލަމް ކްރިމިނަލް ކޯޓަށް އައްޔަނުކުރީ 2018 ގެ ޖެނުއަރީ މަހުގައެވެ. އަދި ކްރިމިނަލް ކޯޓުގެ އިސްގާޒީކަމަށް އޭނާ އައްޔަނުކުރީ އެ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.