ފުރަތަމަ ޑިވިޒަންގެ އަށް ޓީމް ވާދަކުރާ ގައުމީ ވޮލީބޯޅަ ލީގުގައި އިއްޔެ ކުޅުނު ދެ މެޗު ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބު ކާމިޔާބު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗް ސިފައިންގެ ކުލަބުން ކާމިޔާބު ކުރީ، ކަސްޓަމްސް ރެކްރިއޭޝަން ކްލަބާ ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ސިފައިން ގެންގޮސްފައި ވަނީ، 25-13، 25-20 އަދި 25-17 އިންނެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ސިފައިންގެ ކުލަބްގެ އަހުމަދު އަބްދުލް ކަރީމެވެ.

މުބާރާތުގައި ރޭ ކުޅުނު ދެ ވަނަ މެޗް ޕޮލިސް ކުބުން ކާމިޔާބު ކުރީ، ސްޕޯޓްސް ކުލަބް ސިޓީއާއި ބައްދަލުކޮށް ސީދާ ތިން ސެޓުން ނެވެ.މެޗްގެ ސެޓްތައް ޕޮލިސްކުލަބުން ގެންގޮސްފައި ވަނީ، 25-14، 25-08 އަދި 25-08 އިންނެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޕޮލިސް ކުލަބްގެ ސާޖިދެވެ.

މުބާރާތުގައި މިހާތަނަށް ކުޅެވުނު މެޗްތަކުގެ ނަތީޖާއަށް ބާލާއިރު، ތާވަލްގެ އެންމެ ކުރީގައި 12 ޕޮއިންޓާއެކު މިވަގުތު އޮތީ ހުސްވި އަހަރުގެ ޗެމްޕިއަންކަން ހޯދި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބެވެ. އަދި ތާވަލްގެ ދެ ވަނަ ލިބެނީ ނުވަ ޕޮއިންޓާއެކު އޮތް ކުލަބް ޕީކޭ އަށެވެ. އަދި ތާވަލްގެ ތިން ވަނާގައި ހަތް ޕޮއިންޓާއެކު އޮތީ އެސްޓީއޯ އެވެ. ހަތަރު ވަނާގައި އޮތީ ހަތަރު ޕޮއިންޓާ އެކު އޮތް ކަސްޓަމްސް ރެކްރިއޭޝަން ކްލަބެވެ. ނާވައިދޫ އާއި ގުޑީސް އަދި ސިޓީ އޮޓީ ތިން ޕޮއިންޓާ އެކު ފުލުގައެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ކްލަބު ޕީކޭ އާއި ސްޕޯޓްސް ކްލަބު ގުޑީސް އެވެ. އަދި މިރޭ ކުޅޭ ދެ ވަނަ މެޗުގައި ބައްދަލުކުރާ ދެޓީމަކީ އެސްޓީއޯ އާއި ނާވައިދޫ ޒުވާނުންގެ ޖަމިއްޔާ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ. އަދިމުބާރާތުން އެންމެ ރަނގަޅު ހަތަރު ޓީމެއް 43 ވަނަ ޤައުމީ މުބާރާތަށް ކޮލިފައިވާނެވެ. އަދި ޤައުމީ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.