01 Dec 2019, 23:05
ނޭޕާލްގައި ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ބެޑްމިންޓަންގެ އަންހެން ޓީމު އިވެންޓުގައި ރާއްޖޭގެ ނަބީހާއާއި ނަބާހާގެ ވަރުގަދަ ޕެއާއަށް ފުރުސަތު ނުލިބި ކަޓައިގެން ދިއުމަކީ ލިބުނު ދެރައެއްކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަދި ޓީމުގެ ކޯޗު އިޝްފާން މުހައްމަދު (އިއްޕި) ވިދާޅުވެއްޖެއެވެ.
ނޭޕާލްގެ ޕޮކަހަރާގެ ބެޑްމިންޓަން ހޯލުގައި މިއަދު ކުރިއަށް ދިޔަ ޓީމް އިވެންޓުން ރާއްޖެ ކެޓީ ޕާކިސްތާން އަތުން ފުރަތަމަ ތިން މެޗުން ވެސް ބަލިވުމުންނެވެ. ފުރަތަމަ ތިން ގޭމުން ބަލިވުމުން ނަތީޖާ ނެރުމަށް ކުޅޭ ޕެއާ ދެ މެޗު ކުޅުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައެއް ނުވެއެވެ. މިފަހަރު ގޭމްސްގެ ޓީމު އިވެންޓުން ރާއްޖެ ކެޓި ނަމަވެސް އޯޕަންސް ސިންގަލްސް އަދި ޑަބަލްސްގައި ވާދަކޮށް ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ ފުރުސަތު އަދި އެބައޮތެވެ.

މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން މެޗެއްގައި ނަބީހާއާއި ނަބާހާ ވާދަކޮށް މޮޅުވުމުން އުފާފާޅު ކުރަނީ --- ފޮޓޯ// އެމްއޯސީ
"އަޅުގަނޑުމެން ޓީމެއްގެ ގޮތުގައި އެންމެ ވަރުގަދައީ ޑަބަލް ޕެއާގައި ނަބާހާއާއި ނަބީހާ. އެ ކުޅުންތެރިންގެ ޕެއާއަށް ޕާފޯމްކުރަން ނުލިބި ބަލިވުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއް،" އިއްޕި ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި މެޗަކީ ވޭތުވެ ދިޔަ ދެ އަހަރު ކުރި މަސައްކަތާ ބަލާފައި ހިތްހަމަޖެހޭ ނަތީޖާއެއް ނޫން ކަމަށެވެ. ނަމަވެސް މެޗުގައި ކުޅުންތެރިން ދެއްކި ހިތްވަރަކީ ހަމަ ސާބަސް ހައްގު ކުޅުމެއް ކަމަށެވެ.
"ގައިމުވެސް އެންމެ އުންމީދުކުރި ނަތީޖާއެއް ނޫން މިއީ. މިއަށްވުރެ ރަނގަޅު ފައިޓެއް ދޭނެކަމަށް އުންމީދު ކުރެވުނީ. އެހެން ނަމަވެސް ކުޅުން ގޯހެއް ނޫން،"
އިއްޕި އިތުރަށް ވިދާޅުވީ ޕާކިސްތާން ޓީމަކީ ސަރަހައްދުގައި އެންމެ ވަރުގަދަ އެއް ގައުމު ކަމުން ދިވެހި ކުޅުންތެރިންނަށް މެޗު އަނބުރާލަން އުނދަގޫވި ކަމަށެޗެ. އަދި އެ ޓީމުގައި ދުނިޔޭގެ ރޭންކިންގްގެ 170 ވަނަ ކުޅުންތެރިޔާވެސް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މިވަގުތު އަރަމުން އަންނަ އެންމެ އުންމީދީ ދެ ބެޑްމިންޓަން ދެބެން ކަމަށްވާ ނަބީހާއާއި ނަބާހާ އަންނަނީ ގައުމީ ފެންވަރުގައްޔާއި ބައިނަލްއަގުވާމީ ފެންވަރު މުބާރާތްތަކުގައި ރަން ވަނަތަކެއް ހޯދަމުންނެވެ. އެގޮތުން މިދިޔަ މަހު ޕާކިސްތާނުގައި އޮތް އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި ވާދަކޮށް އެ މުބާރާތުގެ އަންހެން ކެޓަގަރީ ޑަބަލްސް ބައިން ނަބާހާއާއި ނަބީހާ ވަނީ ރަން މެޑަލް ހޯދައިފައެވެ.
އަދި މިއަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސްގައިވެސް ނަބީހާއާއި ނަބާހާގެ ޕެއާއިން ވަނީ ރިހި މެޑަލް ހޯދައިފައެވެ. ނަމަވެސް މިއަދު ކުރިއަށް ދިޔަ ބެޑްމިންޓަން ޓީމް އިވެންޓުގައި މި ދެ ކުޅުންތެރިން ވަކިން ކުޅުނު މެޗުތަކުން ވަނީ ޕާކިސްތާން ކުޅުންތެރިންނާ ވާދަކޮށް ބަލިވެފައެވެ.
މިފަހަރުގެ ގޭމްސްގައި ބެޑްމިންޓަން ފިރިހެން ޓީމު ބައިވެރިއެއް ނުވެއެވެ. ބެޑްމިންޓަން އެސޯސިއޭޝަނާއި އޮލިމްޕިކް ކޮމިޓީގެ މަޝްވަރާއަށްފަހު އެގޮތަށް ނިންމީ ކުޅުންތެރިންނަށް ލިބިފައި ހުރި ތަމްރީންތަކާއި ތަޖުރިބާއަށް ބަލައި ގޭމްސްގައި ވާދަކުރެވޭނެ ފެންވަރު ނެތްކަމަށް ފާހަގަވާތީއެވެ.