02 Dec 2019, 08:42
މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އައިސީޔޫގައި މިދިޔަ މަހު 11 ވަނަ ދުވަހުން ފެށިގެން އަންނަނީ ފަރުވާ ދެމުންނެވެ.
ލަތާގެ ހާލު ރަނގަޅުވުމުން ގެއަށް ފޮނުވާލައިފައިވާކަން ވެސް ބޭރުގެ މީޑިއާތަކުން ކުރިން ރިޕޯޓް ކޮށްފައިވެއެވެ. ލަތާގެ އާއިލާ އާއި ހަވާލާދީ ޚަބަރުތައް ބުނާގޮތުގައި އޭނާ އަށް އަދިވެސް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. އަދި ކުރިއަށްވުރެ މިހާރު ލަތާގެ ހާލަތު ރަނގަޅުކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އާއިލާއިން ބުނީ ލަތާ ކުރިން ގެއަށް ފޮނުވާނުލާ ކަމަށާއި އެދުވަހުން ފެށިގެން އަދިވެސް އޭނާ އޮތީ ހޮސްޕިޓަލުގައި ކަމަށެވެ.
ނޭވާލުމުގައި ދަތިކަމެއް ހުރެ އޭނާގެ ސިއްހީ ހާލަތު ދަށްވާން ފެށުމުން ވަނީ އައިސީޔޫގައި މީގެ ކުރިން ފަރުވާދީފައެވެ. ލަތާ އަށް ފަރުވާދެމުން އަންނަނީ އިންޑިއާގެ މުމްބާއީގައި ހުންނަ ބްރީޗް ކެންޑީ ހޮސްޕިޓަލްގައެވެ.
ލަތާގެ ހާލަތު ދުވަހެއް ދުވަހަކަށް ރަނގަޅުވަމުންދާތީ އޭނާ ވަރަށް އަވަހަށް ގެއަށް ފޮނުވާލާނެ ކަމަށް އާއިލާއިން ލަފާކުރެއެވެ.
މުޅި އިންޑިއާގައިވެސް އެފަދަ ދެވަނައެއް ނެތް ލަތާ މިހާތަނަށް 1000 އަށް ވުރެ ގިނަ ފިލްމަށް ލަވަ ކިޔައިދީފައިވެއެވެ. އޭނާ އެންމެ ފަހުން ލަވައެއް ރެކޯޑްކޮށްފައިވަނީ މިދިޔަ މާޗް މަހުއެވެ.
ލަތާ ފިލްމަކަށް އެންމެ ފަހުން ލަވަކިޔައިދީފައިވަނީ 2004 ވަނަ އަހަރު ނިކުތް ވީރުޒާރާއަށެެވެ. އޭރު އޭނާއަށް 75 އަހަރެވެ.
އިންޑިއާގެ ރައްޔިތުންނަށްދޭ އެންމެ ޝަރަފްވެރި އިނާމް ބާރަތު ރަތުނާގެ އެވޯޑް 2001 ވަނަ އަހަރު ލަތާއަށް ވަނީ ލިބިފައެވެ.