01 Dec 2019, 15:40
ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިންތިހާބު ކުރާ ފަނޑިޔާރުގެ މަގާމުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އެ މަގާމުން އިސްތިއުފާ ދެއްވިއިރު، ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް އޭނާގެ ނަން ވަނީ ނޮމިނޭޓްކޮށްފަ އެވެ.
ފަނޑިޔާރު ރައޫފް މަގާމުން އިސްތިއުުފާ ދެއްވިކަން ހައިކޯޓުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެކަމަކު، އޭނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
ފަނޑިޔާރު ރައޫފް ޖޭއެސްސީއަށް އިންތިހާބު ކުރީ 16 މެއި 2017ގަ އެވެ.
ޖޭއެސްސީގެ މަގާމުތަކަކީ ފަސް އަހަރުގެ ދައުރެއްގެ މަގާމުތަކެވެ. ޖޭއެސްސީގެ ގާނޫނު ބުނާގޮތުން އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ހައި ކޯޓުން ފަނޑިޔާރަކު އިންތިހާބު ކުރަންޖެހެ އެވެ.