01 Dec 2019, 14:24
އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ކައިވެނީގެ ނަމުގައި ގުޅުން ހިންގަމުން ދިޔަ 26 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ލަނޑާ ނަގާ ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި މަސްކަނޑާ ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ، ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދު 26އ. އެވެ.
މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަަސަން ހަނީފް ވިދާޅުވީ، ޒަހަމަތަކަކަށް ފަރުވާދިނުމަށްފަހު ދޫކޮށްލުމުން އިއްޔެ ހައްމާދު ކޯޓު އަމުރަކާ އެކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހަނީފު ވިދާޅުވީ، މިހާތަނަށް ތަހުގީގަށް 14 މީހަކާ ސުވާލުކޮށް ފޮރެންސިކް ހެކިތައް ހޯދާ ވެރިފައި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އެގޮތުން ވިހާފައިވާ ކުއްޖާގެ ޑީއެންއޭއާއި ތުހުމަތު ކުރެވޭ މިހާގެ [ހަންމަދުގެ] ޑީއެންއޭއާވެސް ދިމާވޭ،" ހަނީފު ވިދާޅުވި އެވެ.
ހަނީފު ވިދާޅުވީ، ހައްމާދަކީ މީގެ ކުރިން ޓެރަރިޒަމްގެ ހުކުމް ތަންފީޒުކޮށް ކުށުގެ ރިކޯޑް އޮންނަ ފަރާތެއް ކަމަށެވެ.
ކުޑަ ކުއްޖާ ބަލިވެ އިން ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ، މިއަހަރު ފެބްރުއަރީ މަސްތެރޭ ކަމަށާއި އެކަމާ ގުޅިގެން އޭރު މުއައްސާތަކާ މަޝްވަރާކޮށް، ނިންމާފައިވަނީ ކުއްޖާގެ މަންމައާ ހަވާލު ކުރުމަށް ކަމަށް ހަނީފު ވިދާޅުވި އެވެ.
"އެގޮތުން މުއައްސަސާތަކުން [ނިންމީ] އޭރު ކުއްޖާގެ ބައްޕަ ހުރީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާތީވެ، ކުއްޖާއަށް އެ ވަގުތުވެސް އިތުރު ސަޕޯޓެއް ދެވެން އޮންނާނީ، ކުއްޖާގެ މަންމަކަމަށް ވާތީވެ، އަދި ކުއްޖާގެ އާއިލާގައި އިތުރު ފަސް ކުދިން ތިބޭތީ، އެގޮތުންގެ މަތިން މަންމަށް ކުއްޖާއަށް ސަޕޯޓެއް ދެވޭނެތީވެ އެރު އެގޮތަށް ނިންމީ،" ހަނީފު ވިދާޅުވިއެވެ.
ހަނީފު ވިދާޅުވިގޮތުގައި ކުއްޖާ ބަނޑުބޮޑުވި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަނީ ކުޑަ ކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގެ ގޮތުގަ އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި ހަމްމާދުގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި 13 ކުޑަ ކުއްޖާއާ ހައްމާދު ވަނީ ކޯޓުން ބޭރުން ކައިވެނިކޮށްފަ އެވެ. ނަމަވެސް ހަނީފު ވިދާޅުވީ، މިއަދާ ހަމައަށްވެސް ފުލުހުންނަށް އެކަމުގެ އެއްވެސް ހެއްކެއް ލިބިފައެއް ނުވެ އެވެ.
ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގުޅިގެން މިދިޔަ މަހު 24 ވަނަ ދުވަހު ނެރުނު ނޫސް ބަޔާނުގައި ބުނީ، އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތައުލީމާއި ސިއްހީ ހައްގުތަކުން އެ މީހުން މަހުރޫމްކޮށްފައިވާ ކަމުގެ މައުލޫމާތު ޖޫން، 6، 2018 ގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން އެ މައްސަލަ ބަލަން ފެށި ކަމަށެވެ. އަދި އެ މައްސަލަ ބެލިއިރު، މި މައްސަލައިގައި ހިމެނޭ އާއިލާ އަކީ، ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ އާއިލާއެއްކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެއެވެ. ފަހުން އެނގުނު ގޮތުގައި ބަޑުބޮޑުވެގެން ވިހެއި 13 އަހަރުގެ ކުއްޖާ ނިސްބަތްވަނީ އެ އާއިލާއަށެވެ.