ނޭޕާލުގެ ކަތުމަންޑޫގައި މިއަދު ރަސްމީކޮށް ފަށާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާނީ ގައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ހަމަޖައްސައިފި އެވެ.

ހައްވައާ ދިދަ ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ކަތަމަންޑޫގައި ބޭއްވި އަންހެން ވޮލީ ޓީމުގެ ޕްރެކްޓިހަށް ފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) އެވެ. ގޭމްސްގައި ދިދަ އުފުލާނެ އެތްލީޓާ އާންމުކޮށް ދިދަ ހަވާލު ކުރަނީ ގޭމްއަށް ފުރުމުގެ ކުރިން އެވެ.

އެހެން ނަމަވެސް، މިފަހަރު ހައްވައާ ދިދަ ހަވާލުކުރީ، ސަޕްރައިޒްއެއްގެ ގޮތުގަ އެވެ. އެ ހައިރާންކަމުގައި ހުރެ ހައްވަ ބުނީ، މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ރާއްޖެއަށް ރީތިނަން މި މުބާރާތުން ހޯދަ ދިނުމަކީ އަމާޒެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ހައްވަ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އަންހެން ވޮލީ ކުޅުންތެރިޔާ އެވެ.