ރާއްޖޭގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމާއި ރައްޔިތުންގެ މިނިވަންކަން ހިމާޔަތްކޮށް ދެމެހެއްޓުމުގެ މަސައްކަތްތަކަށް އެމްޑީޕީގެ ސަރުކާރުން ގޮންޖެހުންތަކެއް ކުރިމަތި ކުރުވާފައިވާ ކަމުގެ މައުލޫމާތު ޔޫއެން ހައިކޮމިޝަނަރު ފޯ ހިއުމަން ރައިޓްސްއާ ހިއްސާކޮށްފައިވާނެ ކަމަށް ޑީއާރުޕީން ބުނެފި އެވެ.

އެ ޕާޓީގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ފާއިތުވި ގާތްގަނޑަކަށް 18 ވަރަކަށް މަސް ވަންދެން ހިނގަމުން އެދަނީ އެތަން ހިންގުމަށް ބޭނުންވާ ކޮމިޝަން މެމްބަރުންގެ ތެރެއިން ކޮމިޝަނުގެ ނާއިބް ރައީސްއަކު އައްޔަން ނުކޮށްކަމަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ނާއިބް ރައީސްއަކު އައްޔަނުކުރުމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ޔޫއެންގެ ހިއުމަންރައިޓްސް ހައި ކޮމިޝަނާ އާއި ޑީއާރުޕީ އިން ހިއްސާ ކުރި ކަމަށެވެ.

އަދި ރާއްޖޭގައި ޑިމޮކްރަޓިކް ވެރިކަމެއް ގާއިމް ކުރެވިފައިވާ އިރު ޑިމޮކްރެޓިކް ވެއްޓެއްގައި ވެރިކަންކުރާ ފަރާތާއި ރައްޔިތުންނާ ދެމެދު އޮންނަން ޖެހޭ ބަދަހި ގުޅުން އާލާކޮށް ދިރުވުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި ރާއްޖޭގެ ޤާނޫނަށް ހުރުމަތްތެރިކޮށް ހިތުމުގެ ސަގާފަތު ނިކަމެތިކޮށް ފުނޑުފުނޑުކޮށް ޤާނޫނާއި ޤަވާޢިދުތައް އެކަށީގެންވާ ގޮތެއްގައި ސަރުކާރުން ތަންފީޒު ނުކުރާ ކަން ވެސް ހިއްސާ ކޮށްފައިވާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.
ޑީއާރުޕީ އިން ބުނީ ޔޫއެންއާ ހިއްސާކުރި ކަންތަކުގެ ތެރޭގައި ޝަރުޢީ ދާއިރަށް ނުފޫޒު ފޯރުވުމަށާއި ބިރު ދެއްކުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ޒިންމާދާރުގޮތެއްގައި ބޭނުންކުރުމަށް ސަރުކާރުން ހުރަސްއަޅަމުންދާ މައްސަލަ ހިމެނޭ ކަމަށެވެ. އަދި ވަޒީފާ ހޯދުމާއި ވަޒީފާ އަދާ ކުރުމުގައި އެމްޑީޕީ އަށް ތާއީދު ނުކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތި ކުރުވަމުންދާ ކަމަށާއި ޞިއްޙީ ދާއިރާއިން ލިބެމުން އައި ޚިދްމަތްތައް މަޑުޖެހި ޞިއްޙީ ދާއިރާ މުޅިން ބޮއްސުންލައި އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް އެކަށީގެންވާ ގޮތެއްގައި ހިމާޔަތް ނުކޮށްދެވޭ ކަމަށް ވެސް ހިއްސާ ކޮށްފައިވާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

އެ ޕާޓީގެ ފަރާތުން ޔޫއެން އާ ހިއްސާކުރި ކަންތައްތަކުގެ ތެރޭގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ވުޖޫދަށް އަޔަނުދީ ސަރުކާރުން ހިފަހައްޓަމުން ގެންދާކަމަށާއި މަޢުލޫމާތު ހޯދުމާއި ލިބިގަތުގެ މިނިވަންކަން ހަނިކޮށްފައިވާ ކަމަށާއ ހިއުމަން ރައިޓްސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މިނިވަން މުވައްސަސާތަކުގެ ނިންމުންތަކާއި އަމުރުތަކަށް ސަރުކާރުން އިޚްތިރާމް ނުކުރާކަން ފާހަގަކޮށްފައިވެ އެވެ.

ޑީއާރުޕީގެ ފަރާތުން ޔޫއެން އާ އެ މަޢުލޫމާތު ޙިއްޞާކޮށްފައި ވަނީ ރާއްޖޭގައި ޙަރަކާތްތެރިވަމުން އަންނަ ސިޔާސީ ޕާޓީތަކާ އެކު ޔޫއެން ހައިކޮމިޝަނާ ފޮ ހިއުމަން ރައިޓްސް އިއްޔެ ބޭއްވެވި ބައްދަލުވުމުއްގަ އެވެ. ރާއްޖޭގައ ހުންނަ ޔޫއެން އޮފީހުގައި އިއްޔެ ބޭއްވި އެބައްދަލުވުމުގައި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަޙްމަދު މުޙައްމަދާއި ޑީއާރުޕީ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހއ. ކެލާ ދާއިރާގެ މެމްބަރު ޑރ. ޢަބްދުﷲ މައުސޫމާއި ރައްޔިތުންގެ މަޖިލިހުގެ ރ. މަޑުއްވަރީ ދާއިރާގެ މެމްބަރު ވިސާމް ޢަލީ ބައިވެރިވެވަޑައިގަތް ކަމަށް އެ ޕާޓީން ބުންޏެވެ.