01 Dec 2019, 12:34
ސިވިލް ކޯޓު މިއަދުން ފެށިގެން 20 ދުވަހަށް ރިސެސްއަށް ގޮސްފި އެވެ.
ސިވިލް ކޯޓުން ބުނި ގޮތުގައި އެ ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައި ވަނީ މިއަދުން ފެށިގެން 20 ޑިސެމްބަރު 2019އަށް އެ ކޯޓު ރިސެސްއަށް ދިޔުމަށެވެ.
ސިވިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި ވެސް ކޯޓުގެ ޓާގެޓަށް ވާސިލުވުމަށް ޓަކައި ޓާގެޓުގައި ހިމެނޭ މައްސަލަތަކާއި ވަގުތީ އަމުރުގެ މައްސަލަތަކާ ގުޅިގެން ހިންގަން ޖެހޭ ޝަރީއަތްތަކާއި އަވަސްނިޔާގެ ގޮތުގައި ނިންމަން ޖެހޭ މައްސަލަތައް މައްސަލަ ބައްލަވާ ގާޒީ ކަނޑައަޅާ ގޮތެއްގެ މަތިން ކުރިއަށް ގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ބުންޏެވެ.
ރިސެސްގެ މުއްދަތުގައި މައްސަލަތައް ބަލައިގަތުމާއި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުތައް ތައްޔާރުކުރުމާއި، ކުރިއަށް ނިންމަން ހުރި މައްސަލަތައް ދިރާސާކޮށް ޝަރީއަތް ނިންމަން ފެންނަ ގޮތުގެ ރިޕޯޓުތައް އެކަށައަޅައި ތައްޔާރުކުރުމާއި، އަދި ކޯޓުގެ އިދާރީ ހިދުމަތްތަކާ ބެހޭ މަސައްކަތްތައް ކުރިއަށްދާނެ އެވެ.
ސިސިވިލް ކޯޓުގެ ގާޒީންގެ މަޖިލީހުން 04 ޖަނަވަރީ 2011 ނިންމާފައިވާ ގޮތުގެ މަތިން ސިވިލް ކޯޓުގެ ރިސެސްގެ ދުވަސްތަކަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފުރަތަމަ 10 ދުވަހާއި، ޑިސެމްބަރު މަހުގެ ފުރަތަމަ 20 ދުވަހެެވެ.