24 Nov 2011, 15:31
ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރާށި ކަމުގައިވާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ޖީއެމްއާރުން އެއާޕޯޓް ތަރައްގީނުކޮށް، ފުރާ ކޮންމެ ޕަސިންޖަރެއްގެ އަތުން 25 ޑޮލަރުގެ ފީއެއް ނެގުމަކީ އެއާލައިންސްތަކުން ރާއްޖެއާ ދޭތެރޭގައި ދެކޭ ގޮތް މިހާރަށް ވުރެ ކިލަނބުވެ، ފަތުރުވެރިކަމަށް ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ބުނެފި އެވެ.
ޓްރެވަލްސް އެޖެންޓުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ މަޓާޓޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދަތުރުކުރާ ގައުމެއް ކަނޑައެޅުމުގައި ވީހާ ވެސް ލުއި އިންތިޒާމްތަކެއް ހަމަޖެހިފައި އޮންނަ މަންޒިލްތަކަށް ފަތުރުވެރިން އިސްކަންދޭ ކަމަކީ ދިރާސާތަކުން ވެސް ދައްކާ ކަމެއް ކަމަށެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންނަށް އޮން އެރައިވަލްގައި ހިލޭ ވިސާ ލިބޭ ގޮތް ހަމަޖެހިފައި އޮތުމަކީ އެމީހުން ރާއްޖެ އައުމަށް އެޅިފައި އޮތް ވަރަށް ބޮޑު ބާރެއް ކަމަށާއި ރާއްޖެ އަށް ޒިޔާރަތް ކުރުމަށް ހިލޭ ވިސާ ދިނުމަށް ފަހު އެއާޕޯޓް ފީއެއްގެ ގޮތުގައި 25 ދޮލަރު ނެގުމަކީ އެކަމާ ފުށު އަރާ ކަމެއް ކަމަށެވެ.
މަޓާޓޯ އިން ބުނީ ޖީއެސްޓީ 3.5 ޕަސެންޓުން 6 ޕަސެންޓަށް 2012 ވަނަ އަހަރުން ފެށިގެން ބޮޑު ކުރަން ނިންމާފައިވާ އިރު ހަމަ އެ ދުވަސްވަރު އެއާޕޯޓް ފީއެއް ގޮތުގައި 25 ޑޮލަރު ނެގުމަކީ ރާއްޖެ އަންނަ ފަތުރުވެރިންނަށް އުފުލަން ޖެހޭ ބުރަޔަކަށް ވެގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެއާ ވާދަކުރާ އެހެން މަންޒިލްތަކުން އެކަމުގެ ފައިދާ ނެގުމަކީ އެކަމުގެ ގެއްލުން ދިވެހި ޓްރެވެލް އޭޖެންޓުންނަށާއި އެހެނިހެން ފަރާތްތަކަށް ކުރާނެ ކަމެއް ކަމަށެވެ. އަދި އެއާޕޯޓުގެ ވީއައިޕީ ފީ ފަދަ ފީތައް ބޮޑުވެގެން ދިއުމަކީ ދިވެހި ޓްރެވެލް އޭޖެންޓުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެކަމުގެ ޝަކުވާ ބޭރުގެ ފަރާތްތަކުން ވެސް ކުރާ ކަމަށް މަޓާޓޯ އިން ބުނެ އެވެ.
މީގެ އިތުރުން ރާއްޖޭގައި ވާދަވެރި އިތުރު އިންޓަނޭޝަނަލް އެއާޕޯޓެއް ނެތި ރާއްޖެ އަންނަން އޮތް ހަމައެކަނި ދޮރާށީގެ އަގުބޮޑުވުމަކީ މިހާރު ވެސް އަގުބޮޑު ކަމަށް ތުހުމަތުކުރާ ދިވެހި ރާއްޖޭގެ އަގު އިތުރަށް ބޮޑުވެގެންދާނެ ކަމެއް ކަމުގައި މަޓާޓޯ އިން ފާހަގަކޮށްފައިވެ އެވެ.