24 Nov 2011, 15:25
ބާސެލޯނާ އަށް ކުޅެމުން އަންނަ ފްރާންސް ޑިފެންޑަރު އެރިކް އަބިޑާލްގެ ފުޓުބޯޅަ ކެރިޔަރު ނިންމާލާނީ ވެސް އެކުލަބުގައި ހުރެކަމަށް އޭނާ ބުނެފި އެވެ.
އަބިޑާލް މިސީޒަން ނިމޭއިރަށް ކުލަބު ދޫކޮށް ދިއުން ގާތްކަމަށް އޭނާގެ އެޖެންޓް ބުނެފައި ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ނެވެ.
ސްޕެއިން އަދި ޔޫރަޕްގެ ޗެމްޕިއަން ބާސެލޯނާ އާއި އަބިޑާލް އާއި އެކު ހަދާފައިވާ އެއްބަސްވުން މިސީޒަން ނިމޭއިރަށް ހަމަވާނެ އެވެ. ކުލަބާއެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރުމުގައި ގާތުވާ ކަމަށް ވެސް އަބިޑާލް ބުނެފައި ވެއެވެ.
"ކުލަބު ބޭނުންވޭ އަހަރެންގެ ކޮންޓްކްޓް އާކުރަން. އަހަރެން ބޭނުމީ ކުލަބުގައި ހުރެ ކެރިޔަރު ނިންމާލަން. އެއީ އަހަރެން ކުރިން ވެސް ބޭނުންވި ގޮތް." އަބިޑާލް ބުންޏެވެ.
ބާސާ އަށް އަބިޑާލް ކުޅުނު މެޗުތަކުގެ އަދަދު މިހާރު ވަނީ ސަތޭކަ އަށް ވުރެ ގިނަވެފަ އެވެ. އަބިޑާލް ވަނީ މިހާރުގެ ކޯޗް ގާޑިއޯލާ އާއި ކުރީގެ ކޯޗް ފްރޭންކް ރައިކާޑުގެ ކޯޗުކަމުގެ ދަށުގައި ވެސް ކުޅެފައެވެ. މިއަހަރުގެ ބެލޮން ޑީ އޯ އެވޯޑަށް ވެސް އަބިޑާލް ވަނީ ނޮމިނޭޓް ވެފައެވެ.