މަނީލޯންޑަރިންގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ހުށަހަޅައިފިއެވެ.

އަމިއްލަފުޅު އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަން މައްސަލަ ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ހުކުމްކޮށް، ފަސް މިލިއަން ޑޮލަރަށް ޖޫރިމަނާ ކޮށްފަ އެވެ.

ރައީސް ޔާމީން ނިސްބަތްވާ އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީނަށް ކުރި ހުކުމް އިސްތިއުނާފުކުރުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ، އިސްތިއުނާފަށް ހުށަހެޅި އިރު، އިރު، އިތުރު ދެ ކަމަކަށް ވެސް ގަނޫނީ ވަކީލުންގެ ޓީމުން އެދިފައިވާ ކަމަށެވެ.

"ރައީސް ޔާމީންގެ ހުކުމް ފަސްކުރުމުގެ އަމުރަކަށް އެދިފައިވާނެ. އަދި ކަފާލާތުގެ ދަށުން މިނިވަންކުރުމަށްވެސް އެދިފައި ވާނެ،" އަދުރޭ ވިދާޅުވިއެވެ.

މިދިޔަ ދެ ދުވަހު މާލޭ ޖަލުގައި ހުންނެވި، ރައީސް ޔާމީން އެސެސްމަންޓަށް ފަހު މާފުށީ ޖަލަށް ވަނީ ބަދަލުކުރައްވާފަ އެވެ.

އެކަމާ ގުޅޭ ގޮތުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ބަދަލުކުރީ މާފުށީ ޖަލުގެ ކޮން ގޮޅިއަކަށް ކަމެއް އަދި ނޭނގޭ ކަމަށެވެ. އަދި އެ މައުލޫމަތު ލިބުމުން ހިއްސާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން މިދަންނަވާލީ، އެތަނުގައި ހުންނާނެ ރައީސް ޔާމީންގެ ސަރުކާރުގައި ހާއްސަ ބޭފުޅުންނަށް، ސިޔާސީ އިސް ބޭފުޅުންނަށް ތައްޔާރު ކުރެވިފައިވާ ރޫމެއްގައި ކަމެއް އާންމު ގޮޅިއެއްގައި ކަމެއް ދަންނަވާކަށް ނޭނގެ،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވީ، ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރުމަކީ މަނީލޯންޑްރީ ކަމަށް ބަލައިގެންނެވެ. ނަމަވެސް ރައީސް ޔާމީން އެކަމަށް އިންކާރު ކުރައްވަ އެވެ. އަދި ވިދާޅުވަމުން ގެންދެވީ އެއީ ކެމްޕޭން ފައިސާގެ ގޮތުގައި އެކިއެކި ފަރާތްތަކުން އެމަނިކުފާނަށް ދިން ފައިސާ ކަމަށާއި އެ ފައިސާ ބެލެހެއްޓީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށެވެ.