24 Nov 2011, 15:24
މަސްތުވާތަކެތީގެ މައްސަލައެއްގައި ހއ. ހޯރަފުށީ އިރުދޯދި އާމިނަތު ވަހީދާ، 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް، ޅ. ނައިފަރު، ކޮތަންމާގޭ ހަބީބާ އިބްރާހިމް 22 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ވަހީދާގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ ދައުލަތުން ވަހީދާގެ މައްޗަށް ކުރި، މަނާކޮށްފައިވާ މަސްތުވާއެއްޗެއް އަތުގައި ބެހެއްޓުމުގެ ކުށް، ހެކީންގެ ހެކިބަހުންނާއި އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާތީ، މިއީ މިބާވަތުގެ ކުށެއް ވަހީދާގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރުކަމަށް ވާތީ 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކުރީ ކަމަށެވެ.
މަނާކޮށްފައިވާ މަސްތުވާއެއްޗެއް އަތުގައި ބެހެއްޓުމުގެ ކުށުގައި ވަހީދާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ބ) ގެ ދަށުންނެވެ.
އަދީ އޭނާގެ މައްޗަށް ވަނީ އިތުރު އެހެން ދައުވާއެއް ވެސް ސާބިތުވެފަ އެވެ. އެއީ ބޭސްކުރުމުގެ ހުއްދަ ލިބިފައިނުވާ ޑޮކްޓަރެއްގެ ޕްރިސްކްރިޕްޝަނެއް ނެތި ބޭހުގެ ގޮތުގައި ބޭނުން ކުރާ، މަސްތުވާއެއްޗެއް ވިޔަފާރީގެ ގޮތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށް އޭނާގެ މައްޗަށް ސާބިތުވެފައި ވާތީ، 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކުރީ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައިވެ އެވެ.
ބޭސްކުރުމުގެ ހުއްދަ ލިބިފައިނުވާ ޑޮކްޓަރެއްގެ ޕްރިސްކްރިޕްޝަނެއް ނެތި ބޭހުގެ ގޮތުގައި ބޭނުންކުރާ މަސްތުވާއެއްޗެއް ވިޔަފާރީގެ ގޮތުގައި ބެހެއްޓުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލުމަށް ވަހީދާގެ މައްޗަށް ހުކުމްކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ތިން ވަނަ މާއްދާގެ (ރ) ގެދަށުންނެވެ.
ހަބީބާގެ މައްޗަށް ކުރި ހުކުމްގައި ވަނީ ދައުލަތުން ހަބީބާގެ މައްޗަށް ކުރި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް އަތުގައި ބެހެއްޓުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައި ވާތީ އާއި މީގެ ކުރިން ވެސް މިބާވަތުގެ ކުށެއް ހަބީބާގެ މައްޗަށް ސާބިތުވެފައި ވާތީ ކުށުގެ އުގޫބާތެއްގެ ގޮތުން 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ ކަމަށެވެ.
މަނާކޮށްފައިވާ މަސްތުވާއެއްޗެއް އަތުގައި ބެހެއްޓުމުގެ ކުށުގައި ވަހީދާގެ މައްޗަށް ހުކުމްކޮށްފައި ވަނީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ބ) ގެ ދަށުންނެވެ.
އަދީ އޭނާގެ މައްޗަށް ވަނީ އިތުރު އެހެން ދައުވާއެއް ވެސް ސާބިތުވެފަ އެވެ. އެއީ ބޭސްކުރުމުގެ ހުއްދަ ލިބިފައިނުވާ ޑޮކްޓަރެއްގެ ޕްރިސްކްރިޕްޝަނެއް ނެތި ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރީގެ ގޮތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އެވެ. މިކުށް އޭނާގެ މައްޗަށް ސާބިތުވެފައި ވާތީ 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކުރީ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައިވެ އެވެ.
ބޭސްކުރުމުގެ ހުއްދަ ލިބިފައިނުވާ ޑޮކްޓަރެއްގެ ޕްރިސްކްރިޕްޝަނެއް ނެތި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރީގެ ގޮތުގައި ބެހެއްޓުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލުމަށް ހަބީބާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ތިން ވަނަ މާއްދާގެ (ރ) ގެދަށުންނެވެ.