ބަޣްދާދު (ނޮވެމްބަރު 30) : އިރާގުގައި ކުރަމުން ގެންދާ މުޒާހަރާތައް ދިގުލައި އެމުޒާހަރާތަކުގައި 400 އަށް ވުރެ ގިނަ މީހުން މަރުވެގެން ދިޔުމާ އެކު މަގާމުން އިސްތިއުފާ ދެއްވަން އެގައުމުގެ ބޮޑުވަޒީރު އާދިލް އަބްދުލް މަހްދީ އެންމެފަހުން ނިންމަވައިފި އެވެ.

މަގާމުން އިސްތިއުފާ ދެއްވާނެކަން ހާމަކުރައްވައި އާދިލް އަބްދުލްމަހްދީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އިސްތިއުފާގެ ސިޓީ އިރާގުގެ ޕާލަމެންޓަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށާއި މިހާތަނަށް ވެސް އިސްތިއުފާ ނުދެއްވީ ގައުމުގެ މުސްތަގްބަލް ނޭނގުމެއްގެ ތެރެއަށް ވެއްޓިދާނެކަމުގެ ބިރު ހީވެފައިވާތީ ކަމުގަ އެވެ. މީގެކުރިން ވެސް އާދިލް އަބްދުލް މަހްދީ ވަނީ މަގާމުން އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

މީގެ ދެމަސްކުރިން އިރާގުގެ ރައްޔިތުން އެގައުމުގެ ކަންކޮޅުތަކުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކަކީ އިރާގުގެ ސަރުކާރުތަކުގައި ކޮރަޕްޝަން އާންމުވެފައިވުމުގެ އިތުރުން ސަރުކާރުން ރައްޔިތުންނަށް ދޭ އާންމު ޚިދްމަތްތަކުގެ ފެންވަރު އާދަޔާ ޚިލާފަށް ދަށްވުމާއި ވަޒީފާގެ ފުރުސަތުތައް ނެތުމާއި ރައްޔިތުންގެ އަތްމަތި ދަތިވެ ފަގީރުކަން އާންމުވުމުގެ ސަބަބުން ކުރަމުންގެންދާ މުޒާހަރާތަކެކެވެ.

އިރާގަކީ ސައޫދީ އަރަބިޔާއަށްވުރެވެސް ތެލުގެ ގޮތުން މުއްސަނދި ގައުމެއް ނަމަވެސް އިރާގުގައި އުފެދިފައިވާ ދާޚިލީ ހަމަނުޖެހުންތަކާއި އައިއެސް ޖަމާއަތުގެ ހަމަލާތަކާއި ސުންނީ ޝިޔައީ އަރާރުންތަކާއި އެމެރިކާ ސިފައިން އިރާގަށް އަރައިގަތުމާއި ސަރުކާރުގައި ހިނގާ ކޮރަޕްޝަނާއި ސައްދާމް ހުސައިންގެ ވެރިކަމުގައި ކުރި ހަނގުރާމަތަކުގެ ސަބަބުން އިރާގު ވަނީ ދުނިޔޭގެ އެންމެ ފަގީރު އަދި އެންމެ އިންފްރާސްޓްރަކްޗާ ބަލިކަށި ގައުމުތަކުގެ ލިސްޓަށް ވެއްޓީފައެވެ.

އިރާގުގެ ޝިޔައީންގެ އިސް އިމާމް އާޔަތުﷲ އަލީ އައްސިސްތާނީ

ރައްޔިތުންނަށް ކުރިމަތިވި މި ދަތިތަކާ ގުޅިގެން ފެށި މުޒާހަރާތައް ފަހުންވަނީ ބޮޑުވަޒީރު އާދިލް އަބްދުލް މަހްދީއާއި ޕާލަމެންޓްގެ އިސްތިއުފާއަށް ގޮވާލާ ސިޔާސީ މުޒާހަރާ ތަކަކަށް ބަދަލުވެގެން ގޮސްފަ އެވެ. ބޮޑުވަޒީރު އާދިލް އަބްދުލް މަހްދީ އިސްތިއުފާ ދެއްވަން ނިންމެވީ އިރާގުގެ ޝިޔައީންގެ އެންމެ އިސް އިމާމް އަދި އިރާގުގައި ނުފޫޒުގަދަ ބޭފުޅެއްކަމަށްވާ އާޔަތުﷲ އަލީ އައްސިސްތާނީ މިދިޔަ ހުކުރު ދުވަހު ދެއްވި ޚުތުބާގައި ބޮޑުވަޒީރުގެ އިސްތިއުފާއަށް އެދިވަޑައިގަތުމުގެ އިތުރުން އިރާގުގެ ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނެވުމަށް އެގައުމުގެ ޕާލަމެންޓަށް ގޮވާލައްވާފައިވަނިކޮށެވެ. ހުކުރު ޚުތްބާގައި ސިސްތާނީ ވަނީ ރައްޔިތުން ގެ މުޒާހަރާތަކަށް ތާއީދުވެސް ކުރައްވާފަ އެވެ.

ސިސްތާނީގެ ޚުތުބާއަށްފަހު ބޮޑުވަޒީރު އާދިލް އަބްދުލް މަހްދީގެ ސަރުކާރުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް އިރާގުގެ ޕާލަމެންޓްގެ އެތަށް މެންބަރުންނެއްވަނީ ގޮވާލައްވާފަ އެވެ.

އިރާގުގެ ރައްޔިތުން އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުން ގެންދާ މުޒާހަރާތައް މިފަހަކަށް އައިސް އެންމެ ބޮޑަށް ހޫނުވެފައިވަނީ އެގައުމުގެ ދެކުނުގެ ސިޓީތަކުގަ އެވެ. މިގޮތުން ބަސަރާ، ސަމާވާ، ކަރްބަލާ، ނަޖަފް އަދި އުންމު ގަސްރުގައި އެތަށް ލައްކަ ބަޔަކު ސަރުކާރާ ދެކޮޅަށް ހުއްޓުމެއްނެތި މުޒާހަރާ ކުރަމުން ގެންދާއިރު މިދިޔަ ބުރާސްފަތި ދުވަހު ނާސިރިއްޔާއާއި ނަޖަފްގައި މުޒާހަރާކުރި މީހުންގެ ގަޔަށް ފުލުހުން ބަޑިޖެހުމުގެ ސަބަބުން އެއްދުވަހުގެ ތެރޭގައި 28 މީހުން ވަނީ މަރުވެފަ އެވެ.

ނަޖަފްގައި މުޒާހަރާކުރި މީހުންވަނީ އަވަށްޓެރި އީރާނުން އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލް މަހްދީގެ ސަރުކާރަށް ވާގިވެރިވާ ކަމަށް ބުނެ އެސިޓީގައި ހުންނަ އީރާނުގެ ކޮންސިއުލޭޓްގައި ހުޅުޖަހައި އެތަން އަންދާވެސްލާފަ އެވެ. އިރާގުގައި މިހާރު ކުރިޔަށްދާ މުޒާހަރާތަކަކީ އެމެރިކާ ސިފައިން 2003 ވަނަ އަހަރު އިރާގަށް ގަދަބާރުން އަރައި ރައީސް ސައްދާމް ޙުސައިންގެ ވެރިކަން ވައްޓާލިފަހުން އިރާގުގައި ހިނގަމުންދާ އެންމެ ވަރުގަދަ މުޒާހަރާތަކެވެ. (ނޫސްއެޖެންސީތައް)