ފަނޑިޔާރު ކަމަށާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހޯދަން ޖެހޭ ލިޔުމުގެ މަސައްކަތް މިއަދު އެ ކޮމިޝަނުން ކުރެވޭނެ ކަމަށް ބުނެފި އެވެ.

އިލެކްޝަންސް އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ޕީޖީއަށް ކުރިމަތިލާ ފަރާތްތަކުން ހޯދަން ޖެހޭ ލިޔުން ކަމަށްވާ ޕާޓީއެއްގައި އުޅޭކަން ނުވަތަ ނޫޅޭކަން ބެލުމުގެ ލިޔުން ދޫކުރުން އަވަސް ކޮށްދޭން ނިންމާފައިވާ ކަމަށެވެ.

އެ ހިދުމަތް މިއަދު 1800ގެ ނިޔަލަށް ހުޅުވާފައި ހުންނާނެ ކަމަށް އިލެކްޝަންސް އިން ވަނީ ބުނެފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އާއިޝަތު ބިޝާމް އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް އޮފީހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފަ އެވެ.

އިއްޔެ އިރުއޮއްސުނު ފަހުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތަށް ހުޅުވާލާފައިވާ ކަމަށާއި، އެ މުއްދަތު ހަމަވާނީ އަންނަ އާދީއްތަ ދުވަހުގެ މެންދުރު ފަހު 14:00 އަށް ކަމަށެވެ.

އެހެންކަމުން ކުޑަ ވަގުތުކޮޅެއް ލިބޭތީ އިލެކްޝަނުން ވަނީ މިއަދު އެ ކޮމިޝަނުން ދޭން ޖެެހޭ ލިޔުން އަވަސްކުރުމުގެ މަސައްކަތް ފައްޓައިފަ އެވެ.

ކުށުގެ ރެކޯޑު ސާފުކުރުމުގެ ކަންކަން، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މި ހަފްތާ ބަންދުގައި ކުރާނެ ކަމަށް ވަނީ އިއްޔެ ބުނެފަ އެވެ.

ޑީޖޭއޭ އިން ފޯމު ބަލައިގަންނާނީ މިރޭ 21:00 އާ ހަމައަށެވެ.