30 Nov 2019, 14:20
ހިޔާލު ތަފާތުވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ކަންކަން ނިންމަވަނީ އެކުގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ނައިބު ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދާ ގުޅޭ ގޮތުން ބައެއް ސިޔާސީ ލީޑަރުން ޖައްސަވާ ހިސާބުތައް ގޯސްކަމަށެވެ.
ރައީސް ސޯލިހާއި ރައިސް ނަޝީދު ވަނީ އަބޫ ދާބީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދުގެ ދައުވަތަކަށް އަބޫދާބީ އަށް ވަޑައިގަތުމަށް ރޭގައި ފުރާވަޑައިގެންފަ އެވެ.
ދެ ބޭފުޅުން މާލެއިން ފުރާ ވަޑައިގަތުމުގެ ކުރީން ފްލައިޓުގައި ތިއްބަވާ ފޮޓޯއެއް ވަނީ ރައީސް ނަޝީދު ޕޯސްޓުކުރައްވައިފަ އެވެ. އެ ފޮޓޯއާ އެކު ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަޖެޓުގެ ކަންކަން ވިޔަސް އަދި ބަދަލު ދިނުން އަދި ޖުޑީޝަރީގެ ކަންތައްތައް ވި ނަމަވެސް ރައީސް ނަޝީދާއި ރައީސް ސޯލިހު ކަންކަން ނިންމަވަނީ އެކީގައި ކަމަށެވެ.
"ސިޔާސީ ބައެއް ލީޑަރުން ޖައްސަވާ ހިސާބު ގޯސް. ނިދިން ހޭލެވޭ އިރު އޮންނާނީ ކަތިވަޅި ގެއްލި މަރިޔަނބު ވެސް ގެއްލިފައި،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދުގައި ހަމަނުޖެހުން އޮތް ކަމަށް ބުނާ މޭރުމުން އިދިކޮޅު ފަރާތްތަކުން ވަކީ އެކި ކަހަލަ ވާހަކަތަކެއް ދައްކައިފަ އެވެ.