ހައިދަރުއާބާދު (ނޮވެމްބަރު 30): އިންޑިއާގެ ހައިދަރުއާބަދުގައި އަންހެނަކު ރޭޕްކޮށް މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު އަންދާފައި އޮއްވާ ފުލުހުންނަށް ފެނިއްޖެ އެވެ.

ޕޮލިސް ކޮމިޝަނަރު ވީސީ ސަޖަނަރު ވިދާޅުވި ގޮތުގައި އެ އަންހެންމީހާއަކީ މިދިޔަ ބުދަ ދުވަހުގެ ރޭ ހައިދަރުއާބާދުގެ ޝަމްޝަބާދު އަވަށުން ގެއްލުނު 27 އަހަރުގެ ވެޓެރެނޭރިއަން (ޖަނަވާރުންގެ ޑޮކްޓަރެއް)އެކެވެ.

ފުލުހުން ބުނި ގޮތުގައި ހަތަރު މީހަކު ވެގެން އެ އަންހެން މީހާ ރޭޕްކޮށް މަރާލީ ދުރާލާ ރާވައިގެންނެވެ. އެގޮތުން އެ އަންހެން މީހާ ބުދަ ދުވަހުގެ ހަވީރު ހަޔެއް ޖަހާ އެހާކަންހާއިރު ބަސް ސްޓޮޕެއް ކައިރީ އޭނާގެ ސައިކަލު ޕާކު ކުރި މަންޒަރު އެމީހުންނަށް ފެނުނެވެ. އަދި އެ އަންހެން މީހާ އެނބުރި އަންނަންވާ އިރަށް އެމީހުން އޭނާގެ ސައިކަލުގެ ފުރޮޅު ފަޅާލި އެވެ.

އެ އަންހެން މީހާ ސައިކަލު ނަގަން އެނބުރި ދިޔައީ ރޭގަނޑު ނުވައެއް ޖަހާކަށްހާ އިރެވެ. އަދި އެވަގުތު ހަތަރު މީހުންގެ ތެރެއިން އެކަކު، ސައިކަލުގެ ފުރޮޅު ރަނގަޅު ކޮށްދޭނެ ކަމަށް ބުނެ ސައިކަލު ގެންދިޔަ އެވެ. އެވަގުތު އަންހެން މީހާ އޭނާގެ ކޮއްކޮއަށް ގުޅާ، އެ ދެ މީހުން ދެއްކި ވާހަކައިގެ ރެކޯޑިންއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. އެރެކޯޑިންގައި އަންހެން މީހާ ވަނީ އެތާ ކައިރީ އޮތް އުޅަނދެއްގައި ތިބި މީހުން އޭނާއާ ދިމާލަށް ބަލަން ތިބި ކަމަށާއި އެކަނި ހުންނަން ޖެހުމުން ބިރު ގަންނަ ކަމަށް ބުނެފަ އެވެ.

އެފޯނު ކޯލަށް ފަހު 15 މިނިޓު ފަހުން އަންހެން މީހާގެ ފޯނު އޮތީ ނިއްވާލައިފަ އެވެ. ފުލުހުން ބުނި ގޮތުގައި އަންހެން މީހާ ފޯނުން ވާހަކަ ދައްކައި ނިމުމުން، އެތަނުގައި ތިބި ތިން މީހުން ވަނީ އޭނާ އެހެން ތަނަކަށް ގެންގޮސް ރޭޕްކޮށްފަ އެވެ. އަދި އަންހެން މީހާގެ ސައިކަލު ގެންދިޔަ މީހާ ވެސް ފަހުން އެމީހުންނާ ބައިވެރިވި އެވެ.

ފުލުހުން ބުނި ގޮތުގައި އަންހެން މީހާ މަރުވީ އޭނާ ހަޅޭއްލެއްވުން ހުއްޓުވުމަށް އެކަކު އޭނާގެ އަނގަ އާއި ނޭފަތް މަތީ އަތް އެޅުމުން، ނޭވާ ހާސްވެގެންނެވެ. އޭގެ ފަހުން އެ ހަތަރު މީހުން އަންހެން މީހާގެ ހަށިގަނޑު ދުރު ސަރަހައްދަކަށް ގެންގޮސް އަންދާލީ އެވެ. އެ އަންހެންމީހާގެ ހަށިގަނޑު ފެނުނީ ޖެހިގެން އައި ދުވަހުގެ ހެނދުނެވެ.

އެމައްސަލާގައި ތުހުމަތު ކުރެވޭ ހަތަރު މީހުން ކަމަށްވާ މުހައްމަދު އަރީފް (26)، ޖޮއްލޫ ޝިވާ (20)، ޖޮއްލޫ ނަވީން (20)، އަދި ޗިނަޓަކުންޓާ ޗެންނަކެޝަވުލޫ (20)، މިހާރު ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

އިންޑިއާގައި 2012 ވަނަ އަހަރު 23 އަހަރުގެ ފިޒިއޮތެރަޕީ ދަރިވަރަކު ބަހެއް ތެރޭގައި ރޭޕްކުރުމަށް ފަހު މަރާލި މައްސަލައަށް ދުނިޔޭގެ ސަމާލުކަން ލިބިގެންދިޔަ އެވެ. އަދި އޭގެ ފަހުން އެގައުމުން ރޭޕްގެ މައްސަލަތަކުގައި ދޭ އަދަބުތައް ހަރުކަށި ކުރި ނަމަވެސް، އެގައުމުގައި އަނިޔާވެރި ޖިންސީ ހަމަލާތަކުގެ މައްސަލަތައް މަދުވެފައެއް ނުވެ އެވެ.

އެގޮތުން އެގައުމުގެ ސަރުކާރުން އެންމެ ފަހުން އާއްމު ކުރި ކުށުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި 2017 ވަނަ އަހަރު 33،658 ރޭޕްގެ މައްސަލަ ފުލުހުން ރެޖިސްޓާކޮށްފައިވެ އެވެ. އެއީ އެވުރެޖުކޮށް ދުވާލަކު 92 ރޭޕްގެ މައްސަލަ އެވެ.