30 Nov 2019, 12:54
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ މެޑިކަލް އެސެސްމެންޓް ނިމުމުން އެމަނިކުފާނު މާފުށި ޖަލަށް ބަދަލުކުރުމަށް ނިންމައިފި އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު މިއަދު ސަން އަށް ވިދާޅުވީ ރައީސް ޔާމީންގެ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ މެޑިކަލް އެސެސްމެންޓްތަކާއި އެހެނިހެން އިޖުރާއަތްތައް ފުރިހަމަކޮށް ނިމިފައިވާ ކަމަށެވެ.
އެހެންކަމުން ރައީސް ޔާމީން މިއަދުގެ ވަގުތެއްގައި މާފުށީ ޖަލަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް މުނާޒު ވިދާޅުވި އެވެ.
ބޮޑު ޖޫރިމަނާއާ އެކު ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ. އެއަށް ފަހު މެޑިކަލް އެސެސްމެންޓުތައް ހެއްދެވުމަށް އެމަނިކުފާނު ހުންނެވީ މާލޭ ޖަލުގަ އެވެ. އައިޖީއެމްއެޗުން އެމަނިކުފާނުގެ މެޑިކަލް އެސެސްމެންޓުތައް ހަދާފައި ވަނީ އިއްޔެ އެވެ.
ރައީސް ޔާމީން ހައްޔަރުކުރެއްވުމާ ގުޅިގެން އެމަނިކުފާނު ނިސްބަތްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ރޭ މާލޭ ޖަލު ސަރަހައްދަށް އެއްވެ މުޒާހަރާކޮށްފަ އެވެ.
އިދިކޮޅު ފަރާތްތަކުން ގޮވަމުން ދިޔައީ ޖަލުގައި އެމަނިކުފާނަށް އިހާނެތިކޮށް ކަންތައްތައް ކުރާ ކަމަށެވެ. އަދި ތަފާތު މައްސަލަތަކެއް ހުރި ކަމަށް ބުނެ އިދިކޮޅުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.
އެކަމާ ގުޅިގެން އެޗްއާރުސީއެމްގެ ތިން ބޭފުޅަކު ވަނީ ރައީސް ޔާމީން އާ ބައްދަލުކުރެއްވުމަށް މާލޭ ޖަލަސް ގޮސްފަ އެވެ.