30 Nov 2019, 11:00
ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް އެކްޓަރު ކަމަށްވާ އަމީތާބު ބައްޗަން އެންމެ ފަހުން ރިޓަޔަރުވާން ތައްޔާރުވެއްޖެ ކަމުގެ އިޝާރާތެއް އޭނާ ކޮށްފި އެވެ.
މިހާރު ޝޫޓު ކުރަމުންދާ ފިލްމު ކަމަށްވާ ބްރަމްސްޓްރާގެ ޝޫޓީން އަށް މަނާލީއަށް ގޮސް ދިން އިންޓަވިއުއެއްގައި އަމީތާބު، އޭނާގެ ސިއްހީ ހާލަތު އެހާ ރަނގަޅު ނޫން ކަމަށް އިޝާރާތްކޮށް ބުނީ ރިޓަޔަރުކުރުމާ ދޭތެރޭ ވިސްނަން ވެއްޖެ ކަމަށެވެ.
އަމީތާބުގެ ސިއްހީ ހާލު އެހާ ރަނގަޅެއް ނޫނެވެ. އޭނާ ގިނަ ވަގުތު ރެސްޓު ކުރުމަށް ޑޮކްޓަރުން ވަނީ ކުރީން ވެސް ލަފާ ދީފަ އެވެ.
އަމީތާބު ބުނެފައި ވަނީ ފިލްމު އިންޑަސްޓްރީން ދުރުވާން ހަށިގަނޑު އެއްބަސްވި ނަމަވެސް ސިކުނޑި އެކަމަށް ދެކޮޅު ހަދާ ކަމަށެވެ.
އަމީތާބުގެ އުމުރުން މިހާރު 77 އަހަރު ވެފައިވާ އިރު އޭނާ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާތާ މިހާރު 55 އަހަރު ވެއްޖެ އެވެ.
އޭނާ އަކީ ފިލްމު އިންޑަސްޓްރީގެ ހަތްދިހައިން ނުވަދިހައިގެ އަހަރުތަކުގައި ފެނިފައިވާ އެންމެ ވަރުގަދަ އެއް ބަތަލެވެ.