ޕަރާމަރީބޯ (ނޮވެމްބަރު 30): ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ސުރިނާމްގެ ރައީސް ޑެސީ ބައުޓަސޭގެ މައްޗަށް 15 މީހަކު މެރުމުގެ ދައުވާ ސާބިތުވެ، 20 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

ބައުޓަސޭ ސުރިނާމްގައި ފުރަތަމަ ވެރިކަން ކުރެއްވީ 1980އިން 1987އަށެވެ. އެއީ އޭގެ ކުރިން އެގައުމުގައި އޮތް ވެރިކަން އަސްކަރީ ބަޣާވާތަކުން ވައްޓާލުމުގައި އިސް ދައުރެއް އަދާ ކުރުމަށް ފަހު، ސިފައިންގެ ޗީފް އޮފް ސްޓާފްގެ މަގާމު ހޯދައިގެންނެވެ. އަދި މިހާރު ބައުޓަސޭގެ މައްޗަށް ސާބިތުވެފައި ވަނީ އޭރު އޭނާގެ ސަރުކާރަށް ފާޑުކީ 16 މީހަކު ވަގަށް ނަގާ، 15 މީހަކު މަރަން އޭނާގެ ސިފައިންނަށް އަމުރު ކުރުމުގެ ދައުވާ އެވެ. އެގޮތަށް މަރާލި މީހުންގެ ތެރޭގައި ވަކީލުންނާއި ޔޫނިއަން ލީޑަރުންނާއި ނޫސްވެރިން ހިމެނުނެވެ.

ބައުޓަސޭ މިވަގުތު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ޗައިނާގަ އެވެ. ނަމަވެސް މާދަމާ ނުވަތަ އަންނަ ހޯމަ ދުވަހު އޭނާ އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ބައުޓަސޭގެ ނެޝަނަލް ޑިމޮކްރެޓިކް ޕާޓީ (އެންޑީޕީ) އިން ބުންޏެވެ.

ބައުޓަސޭގެ މައްޗަށް ކުރި ހުކުމާ ބެހޭ ގޮތުން އޭނާ އަދި ވަކި އެއްޗެކޭ ވިދާޅެއްނުވެ އެވެ. ނަމަވެސް މީގެ ކުރިން އޭނާ ވަނީ އެތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.

އުމުރުން 74 އަހަރުގެ ބައުޓަސޭ ސުރިނާމްގައި ފުރަތަމަ އަސްކަރީ ވެރިކަމެއް ކުރެއްވުމަށް ފަހު، 1992ގައި އަސްކަރިއްޔާ އިން ވަކިވި އެވެ. އަދި އޭގެ ފަހުން އެންޑީޕީގެ ލީޑަރު ކަމަށް އިސްވެ، 2010 އާއި 2015ގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އެވެ.

މީގެ ކުރިން 1999ގައި ނެދަލޭންޑްސްގައި ބައުޓަސޭގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެފައިވެ އެވެ. އޭނާގެ ޣައިރު ހާޒިރުގައި ކުރިއަށްގެންދިޔަ އެޝަރީއަތުގައި ބައުޓަސޭ 11 އަހަރަށް ޖަލަށް ލާން އެގައުމުން ހުކުމް ކުރި އެވެ. ނަމަވެސް އޭނާ އެތުހުމަތުތައް ވެސް ދޮގު ކުރެ އެވެ.

ސުރިނާމްގެ ސަރުކާރާ އިދިކޮޅު ޕާޓީތަކުން ވަނީ މިހާރު ބައުޓަސޭގެ އިސްތިއުފާއަށް ގޮވާލަން ފަށައިފަ އެވެ. ނަމަވެސް އޭނާ ހައްޔަރު ކުރަން އަދި ކޯޓުން އަމުރެއް ނެރެފައެއް ނުވެ އެވެ.