ނިއުކާސަލްގެ ކުޅުންތެރިން ހޯދުމަށް ބޮޑު ޚަރަދެއް ކުރުމަށް އެހެން ކުލަބުތަކަށް އެކުލަބުގެ ކޯޗް އެލަން ޕާޑިއު ގޮވާލައިފި އެވެ.

ޕާޑިއު މިހެން ބުނެފައިވަނީ އެކުލަބުގެ ޗިއެކް ޓިއޯޓޭ އާއި ފެބްރިޗިއޯ ކޮލޮޗިނީ ހޯދުމަށް ކުލަބުތަކުން ޝައުގުވެރިކަން ފާޅުކުރަމުން ދަނިކޮށެވެ.

ނިއުކާސަލް އިން ވަނީ މިސީޒަންގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާ މުހިންމު ގިނަ މެޗުތަކެއް ވެސް ކާމިޔާބު ކޮށްފައެވެ. ލިވަޕޫލް އިން ނިއުކާސަލްގެ ކޮލޮޗިނީ އަށް ލޯ އަޅަމުން ދާއިރު، ޗެލްސީ އިން ވަނީ ޓިއޯޓޭ އަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

"ކުޅުންތެރިން ހޯދުމަށް ކުލަބުތަކުން ބޮޑު ހޭދައެއް ކުރަން ޖެހޭނެ. އެކުލަބުތަކުން ބޮޑު ހަރަދުތަކެއް ކުރަން ޖެހޭނެ ކަން އެނގެން ޖެހޭނެ. ޖެނުއަރީ ޓްރާންސްފާ ގައި އެންމެ ގިނަވެގެން ވެސް ކުލަބަށް ގެންނާނީ ދެ ކުޅުންތެރިން. ކުލަބުން ކުޅުންތެރިއެއް ވެކިވެއްޖެ ނަމަ، ތިންވަނަ ކުޅުންތެރިއެއް ހޯދަން މަސައްކަތް ކުރާނަން." ނިއުކާސަލް ކޯޗް އެލަން ޕާޑިއު ބުންޏެވެ.

ނިއުކާސަލް ގެ ކާމިޔާބީ ސީޒަންގައި އެންމެ އިސް ދައުރެއް އަދާކުރަމުންދާ ދެ ކުޅުންތެރިންނަކީ ޓިއޯޓޭ އާއި ޑެމްބަބާ އެވެ. އަދި ހަމަ އެއާ އެކު ނިއުކާސަލްގެ ޑިފެންސް ލައިނުން އެންމެ އިސްދައުރެއް އަދާކުރަމުންދާ ކުޅުންތެރިޔަކީ ކޮލޮޗިނީ އެވެ.