މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި، އެމަނިކުފާނު ނިސްބަތްވާ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ސަޕޯޓަރުން މާލޭ ޖަލު ކައިރީގައި މުޒާހަރާކޮށްފިއެވެ.

ރައީސް ޔާމީން މިވަގުތު ބަންދުކޮށްފައި ހުރީ މާލޭ ޖަލުގައެވެ.

ޕީޕީއެމް-ޕީއެންސީ މެމްބަރުން މާލޭ ޖަލު ކައިރިއަށް މިރޭ އެއްވީ ރޭ އޮތް އެ ދެ ޕާޓީގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމަކަށްފަހުއެވެ. އެ ބައްދަލުވުމުގައި އެ ދެ ޕާޓީން ވަނީ ރައީސް ޔާމީން މިނިވަންކުރަންދެން މާލޭގައި ކޮންމެ ރެޔަކު މުޒާހަރާކުރުމަށް ނިންމާފައެވެ.

އަދި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ހަރަކާތްތައް ހިންގުމަށްވެސް ރޭ އޮތް ކައުންސިލް ބައްދަލުވުމުން ފާސްކުރިއެވެ.

ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި ޕީޕީއެމް-ޕީއެންސީން މާލޭ ޖަލު ކައިރީގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ރޭ ޕީޕީއެމް-ޕީއެންސީން މުޒާހަރާކުރި އިރު ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް އެއްވެ، އެއްވުން ރޫޅާލާފައެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތަން "ސަން"ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި ޕީޕީއެމް-ޕީއެންސީން މާލޭ ޖަލު ކައިރީގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ޕީއެންސީގެ ކައުންސިލް މެމްބަަރު އަދި ތަރުޖަމާނު ހީނާ ވަލީދު މިރޭ "ސަން"އަށް ވިދާޅުވީ، މުޒާހަރާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

އަދި ދެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭ ކަމަށާއި އޭގެ ތެރެއިން އެކެއްގެ އަތް ބިންދައިގެން ގޮސްފައިވާކަމަށް ހީނާ ވިދާޅުވިއެވެ.