30 Nov 2019, 00:05
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަންދެން ކޮންމެ ރެޔަކު މާލޭގައި މުޒާހަރާކޮށް، މަދަނީ ބަސްނޭހުމަކަށް ދިޔުމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ.
އެގޮތަށް އެ ކޮލިޝަނުން ކަނޑައެޅި، މިރޭ އެ ކޯލިޝަންގައި ހިމެނޭ ޕީޕީއެމް-ޕީއެންސީ ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައެވެ.
ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހުށަހެޅުއްވި އެ ހުށަހެޅުން ފާސްވީ މިރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
މިރޭގެ ބައްދަލުވުމުގައި ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ގަބޫލު ނުކުރުމަށް ނިންމުމަށް ރައްޔިތުންގެ މަޖިލީގުގެ ނިލަންދޫ ދާއިރާގެ ކުރީގެެ މެމްބަރުން ގަރާރެއް ހުށަހެޅުއްވިއެވެ. އޭނާ ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ، އެ ހުކުމަކީ ޒާތީ ތައައްސަބުން ފުރިގެންވާ އަނިޔާވެރި ސިޔާސީ ހުކުމެއް ކަމަށާއި ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުުރުމަށެވެ.
"ރައީސް ޔާމީން މިނިވަން ވަންދެން އަދި ރައްޔިތުންގެ މެދުގައި ޖުޑީޝަރީއަށް އިތުބާރު ލިބި، އިންސާފުވެރި ޝަރީއަތެއް ކޮންމެ ރައްޔިތަކަށްވެސް ލިބޭނެކަން ކަށަވަރު ވަންދެން މުޅި ރާއްޖޭގައި ހަރަކާތްތައް ހުއްޓާނުލާ ކުރުމަށާއި އެމަނިކުފާނު މިނިވަން ކުރަން ކުރަން ޖެހޭ އެންމެހާ ކުރުމަށް ޖޮއިންޓް ކައުންސިލަށް ހުށަހަޅާ" ގަރާރެއް ކަމަށް ހަލީލް ވިދާޅުވިއެވެ.
އޭގެ އިތުރުން ދެން ބޮޑު ހުށަހެޅުމަށްކަށް ހުށަހަޅާފައިވަނީ، ރައީސް ޔާމީނަށް 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ކޯލިޝަންގެ ޓިކެޓް ދިނުމަށެވެ.