ދެހާސް ތޭވީސްވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުކަމަށް އެ ކޯލިޝަނުން ކަނޑައަޅައިފިއެވެ.

އެ ކޯލިޝަނުން އެފަދައިން ނިންމީ ކުރީގެ ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްޔެ އިއްވުމާ ގުޅިގެން މިރޭ ޕީޕީއެމް-ޕީއެންސީން ކުރިއަށް ގެންދިޔަ ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައެވެ.

ރައީސް ޔާމީނަށް ރިޔާސީ ކެންޑްޑޭޓެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅުއްވީ، ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމެވެ.

އެ ހުށަހެޅުން ފާސްވީ މިރޭގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

އެ ހުށަހެޅުވުން ހުށަހަޅުއްވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ، ރައީސް ޔާމީންއަކީ ވޭތުވެތިދޔަ ފަސް އަހަރު ރާއްޖެއަށް އިންގިލާބީ ތައްރަގީއެއް ގެނެސްދެއްވި ލީޑަރެއް ކަމަށާއި މިއަދު ޖަލުގައި އޮންނެވީ ނުހައްގުން ކުރި ހުކުމަކުން ކަމަށެވެ. އޭނާ ވިދާޅުވީ، މިއަދު އޮތީ ތިން ބާރު އެއްވެފައިވާ ނިޒާމެއް ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ބަލަހައްޓައިގެން ތިބެއްޖެނަމަ، މާދަމާ މިއަށްވުރެ ހިތާމަވެރި ކަންތައްތަކެއް އަންނާނެ ގަބޫލުކުރަން ޖެހޭ. ފަސް އަހަރު މިގައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި ދިވެހި ގައުމިއްޔަތު އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ހިންގައިދިން ރައީސަކު މިއަދު ވަރަށް ހިތާމަވެރިކޮށް، ލާއިންސާނީ ދައުވާއެއް ކޮށް މިއަދު އެ އޮތީ ހައްޔަރު ކުރެވިފައި،" މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

އަދި ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ވަރުގަދަ ކުރަން ޖެހޭ ކަމަށާއި ޕާޓީތެރެއިން ވަރަށް ބޮޑަށް އެކަމަށް ބާރު އަޅަންޖެހޭ ކަމަށްވެސް އޭނާ

"މި 2023 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް އަބްުދުﷲ ޔާމީން އަބްލްގައްޔޫމު 2023 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކަށް ނިންމުމަށް ކައުންސިލަށް ވަގުތުން ވަގުތަށް އަޅުގަނޑު ގޮވާލަން،" އޭނާ ވިދާޅުވިއެވެ.

ޕީޕީއެމް-ޕީއެންސީއިން 2023 ގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް ދިނުމަށް ނިންމި ނަމަވެސް، ގާނޫނުތައް މިހާރު އޮތް ގޮތުން 2023 ގައި އެމަނިކުފާނަށް ކުރިމައްޗެއް ނުލެވޭނެއެވެ. ސަބަބަކީ ރައީސްކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދެ ޝަރުތެއް ފުރިހަމަނުވާތީއެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ބ)ގައި ވަނީ ރައީސްކަމަށް ކުރިމަތިލާ މީހަކީ ސާބިތު ދަރަންޏެއް އޮތް މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ. ރައީސް ޔާމީނަށް އިއްވި ހުކުމުގައި އެމަނިކުފާނު ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

މީގެ އިތުރުން އެ މާއްދާގެ (ޅ)ގައި ބުނެފައިވަނީ ރައީސްކަމަށް ކުރިމަތިލާ މީހަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ޖަލު ހުކުމެއް ކުރެވިފައިވާ މީހެއް ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމަށް ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ވެފައިވާ މީހެއް ކަމުގައި ވާންޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް ޕީޕީއެމް-ޕީއެންސީން ބުނަމުން ގެންދަނީ ކްރިމިނަލް ކޯޓުން ރައީސް ޔާމީނުގެ މައްޗަށް އިއްވި ހުކުމް ގަބޫލުނުކުރާ ކަމަށެވެ.

ކައުންސިލު ބައްދަލުވުމުގައި ވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމާ ގުޅޭގޮތުުން މަޝްވަރާކޮށް، އެ ހުކުމަކީ އެމްޑީޕީ އިސްވެ އޮވެ އަދި ސަރުކާރުގެ ކޯލިޝަންގެ މެމްބަރުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވައިގެން ކުރެއްވި ހުކެމެއް ކަމަށް ނިންމާފައެވެ. އޭގެ އިތުރުން އެ ހުކުމް ކުށްވެރިކޮށް، ރައީސް ޔާމީން މިނިވަންކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ގޮވާލާ ގަރާރެއްވެސް މިރޭ ކައުންސިލް ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލު ހުށަހެއްޅުއްވި އެ ގަރާރަށް ގިނަ އިސްލާހުތަކެއް މެމްބަރުން ގެންނެވިއެވެ. އެންމެ ބޮޑު އިސްލާހަކަށް ހުށަހެޅުއްވީ، ކޮންމެ ރެއަކު މާލޭގައި މުޒަހަރާކޮށް، ރާއްޖޭގެ އެކި ރަށްރަށުގައިވެސް މުޒާހަރާތައް ކުރުމަަށެވެ. އޭގެ އިތުރުން ރައީސް ޔާމީން މިނިވަން ވަންދެން މަދަނީ ބަސްނޭހުމަކަށް ދިޔުމަށްވެސް އިސްލާހު ހުށަހެޅިއެވެ.

އެ ގަރާރަށް ހުށަހެޅުއްވި ހުރިހާ އިސްލާހުތަކަށް އެއްފަހަރާ ވޯޓަށް އެހުމުން ހާޒިރުވި އެންމެންގެ އިއްތިފާގުން ގަރާރާއި ގަރާރަށް ހުށަހެޅުއްވި އިސްލާހުތައް ފާސްވިއެވެ.