24 Nov 2011, 15:14
އާސެނަލް ކެޕްޓަން ރޮބިން ވެންޕާސީ ކޮންޓްރެކްޓް އާކޮށް ކެރިޔަރު ނިންމާލާނެ ކަމުގެ ހުވަފެން ދެކޭ ކަމަށް އެކުލަބުގެ ކޯޗް އާސެން ވެންގާ ބުނެފި އެވެ.
އާސެނަލްގެ ކުރީގެ ކެޕްޓަން ފެބްރިގާސް އެނބުރި ބާސެލޯނާ އާއި ގުޅުމުން ވެންގާ ވަނީ ކެޕްޓަން ބޭންޑް ވެންޕާސީ އާއި ހަވާލުކޮށްފަ އެވެ. އަންނަ ސީޒަން ނިމޭއިރަށް އާސެނަލް އާއެކު ވެންޕާސީ ހަދާފައިވާ އެއްބަސްވުން ހަމަވުމުގެ ކުރިން ކޮންޓްރެކްޓް އާކުރެވޭތޯ އެ ކުލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިސީޒަނުގައި ވެންޕާސީ ގެ ކުޅުން ފެންނަނީ ވަރަށް ވަރުގަދަ ކޮށެވެ. ސީޒަންގެ ކުރީކޮޅު އާސެނަލް އަށް ލިބެމުން ދިޔަ ނާކާމިޔާބީ އަށް އުނިކަމެއް ގެނެސްދިނުމުގައި ވެންޕާސީގެ ދައުރު ވަރަށް ބޮޑެވެ.
މިއަހަރު ވެންޕާސީ ވަނީ ޕްރެމިއާ ލީގުގައި 31 ލަނޑު ކާމިޔާބު ކޮށްފަ އެވެ.
'އަހަރެންގެ ހުވަފެނަކީ ވެންޕާސީގެ ކެރިޔަރު މި ކުލަބުގައި ހުރެ ނިންމާލުން. ކުލަބުގައި ވެންޕާސީ ބެހެއްޓުމަށް އަހަރެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. ވެންޕާސީ އަކީ އަބަދުވެސް އެންމެ ރަނގަޅު ނިންމާ މޮޅު ކުޅުންތެރިއެއް." ވެންގާ ބުންޏެވެ.
ހޮލެންޑުގެ ގައުމީ ޓީމަށް ވެސް ކުޅެމުންދާ ވެން ޕާސީ އަކީ އެގައުމުގެ ފެޔަނޫޑް ކުލަބުން 2004 ވަނަ އަހަރު 2.75 މިލިޔަން ޕައުންޑަށް އާސެނަލް އަށް ބަދަލުވި ކުޅުންތެރިއެކެވެ.