މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތްތައް ނިމެދެން އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް ހުށަހަޅަން އެމަނިކުފާނުގެ ގާނޫނީ ޓީމުން ނިންމައިފި އެވެ.

މިހާރު މާލޭ ޖަލުގައި ހުންނެވި ރައީސް ޔާމީންއާ އެކު އެމަނިކުފާނުގެ ގާނޫނީ ޓީމުން ބައްދަލު ކުރެއްވުމަށް ފަހު ޖަލު ބޭރުގައި މީޑިއާޔާ ވާހަކަ ދައްކަވަމުން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ރައީސް ޔާމީން މިވަގުތު އޮންނެވި ޖަލަކީ، ކުރީގެ ރައީސަކު ބެހެއްޓުމަށް އެންމެ އެކަށީގެންވާ ޖަލެއް ނޫން ކަމަށެވެ. އަދި އިސްތިއުނާފު މަރުހަލާ ނިމެންދެން އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރުމަށް ހޯމް މިނިސްޓަރަށާއި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ކިބައިން މާދަމާގެ ވަގުތެއްގައި ރަސްމީކޮށް އޭދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް [ޔާމީންގެ] ފަރާތުން އެނގުނު ގޮތުގައި ނިދަން ބަހައްޓާފައި އެނދުކޮޅަކީވެސް ވަރަށް އަދައިގެ ގޮތަކަށް ހުރި، ރަނގަޅަށް ހަށިކޮޅު ދަމާ ނުލެވޭ ގޮތަށް ހުރި ތަނެއް. މިތަނުގައި ފާހާނާ ފްލޭޝްވެސް ނުކުރެވޭ. ހޫނު ފެނެއްވެސް ނުލިބޭ،" ޖަލުގެ ހާލަތު ބަޔާން ކޮށްދެމުން ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީން އެފަދަ ތަނެއްގައި ހުުރުމަށް ސިއްހީ ހާލަތުވެސް ތަން ނުދޭ ކަމަށާއި އެފަދަ މާހައުލެއްގައި ރައީސް ޔާމީންނަށް ނުހުރެވޭނެ ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި މީގެ ކުރިންވެސް އެފަދަ ތަންތަނުގައި ބެހެއްޓުމުން ސިއްހީގޮތުން ކަންތައްތަކެއް ދިމާވެފައި އެބަހުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެހާލަތައް ރިއާޔަތްކޮށްވެސް ގެއަށް ބަދަލުކޮށްދިނުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ހުކުމް އިސްތިއުނާފް ކުރުމަށް މާދަމާ ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ހުކުމް ތަންފީޒު ކުރުމަށް ލަސް ކުރުމަށާއި ކަފާލާތުގެ ދަށުން މިނިވަން ކުރުމަށްވެސް އެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީން ހުކުމް ތަންފީޒު ކުރައްވާނީ މާލޭ ޖަލުގައި ކަމެއް އަދި ކަރެކްޝަންސް އިން ނިންމާފައި ނުވެ އެވެ. ކަރެކްޝަންސް އިން އިއްޔެ ބުނި ގޮތުގައި ރައީސް ޔާމީން ބަހައްޓަވާނެ ޖަލެއް ނިންމަވާނީ އެސެސްމަންޓަށް ފަހު ކަމަށެވެ. އަދި މިއަދު ކަރެކްޝަންސް އިން ވަނީ އެމަނިކުފާނުގެ ޓެސްޓުތައް ހެދުމަށް އައިޖީއެމްއެޗަށް ވެސް ގެންގޮސްފަ އެވެ.

ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކުރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރިކަން އެމަނިކުފާނުގެ މައްޗަށް ސާބިތުވުމުން އެވެ.