އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ކަންކަން، އިސްލާމް ދީނުގެ ނަމުގައި، އާންމުންގެ ތެރޭގައި ފެތުރުން ހުއްްޓުވޭނީ ސައްހަ އަގީދާ އޮޅުންފިލުވައިދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ހިތޯބުގައި ވިދާޅުވެފައި ވަނީ އިސްލާމް ދީނުގެ ތަސައްވުރު ހުތުރު ކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކާ މެދު، ފަރުވާތެރިވެ، އެފަދަ ކަންކަމުން ސަލާމަތްވެ، ދަރީން ވެސް ސަަލާމަތްކުރުމަކީ އެންމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށެވެ.

ރައީސް ވިދާޅުވީ އިސްލާމް ދީނުގެ މަތިވެރި އަގީދާގައި ސާބިތުވެ ތިބުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެއް ކަމަށެވެ.

ރާއްޖެއަށް ލިބިފައިވާ ނިއުމަތްތަކުގެ ތެރެއިން އެންމެ މަތިވެރި ނިއުމަތަކީ އިސްލާމްދީނުގެ ނޫރުން ދިވެހިންގެ ހިތްތައް އުޖާލާކޮށްދެއްވުން ކަމަށް ހިތޯބުގައި ރައީސް ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދީނީ އަގީދާ ހިތްތަކުގައި ވަރުގަދަ ކުރާނީ ދީނީ ކަންތައްތަކަށް ފަރުވާތެރިވެ ކުރަން އަންގަވާފައިވާ ކަންތައްތައް ކުރުމާއެކު ދުރުހެލިވާން ޖެހޭ މުންކަރާތަކުން ދުރުހެލިވެގެން ކަމަށެވެ.

އަދި ވަކީން ހާއްސަގޮތެއްގައި ޒުވާނުންނާއި ޅަ ދަރީންގެ ހިތްތަކުގައި އިސްލާމްދީނުގެ ސައްހަ އަގީދާ ސާބިތުކުރުމަށް މަސައްކަތްކުރުމަކީ މައިންބަފައިންނާއި ތައުލީމީ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށް ވެސް އެ ހިތޯބުގައި ފާހަގަކުރައްވާފައިވެ އެވެ.

ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބިންގަލަކީ ވެސް އަދި ދިވެހިންގެ ހިތްތަކުގައި އެންމެ ލޯބި ދެވޭ އަދި އެންމެ ގަދަރު ކުރެވޭ ކަމަކީ ވެސް އިސްލާމީ އަގީދާ ކަމަށް ރައީސް ވިދާޅުވި އެވެ.