29 Nov 2019, 16:29
ބްރޯޑްކޮމްއަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ރުހުންދީ ތަޅުމަށް ފޮނުވަން ނިންމި ލިސްޓުގެ ކުރީގައި އެމްޑީޕީގެ އެކްޓިވިސްޓެއްގެ ނަން ހިމަނައިފިއެވެ.
ބްރޯޑްކޮމްއިން އިސްމާއިލް ސޮފްވާނާއި ހަސަން ނަބާހު މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އިސްތިއުފާ ދިނުމާ ގުޅިގެން އެ މަގާމުތަކަށް ކުރިމަތިލި 36 ބޭފުޅުންގެ ތެރޭގައި، އެމްޑީޕީގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ، ގދ. ތިނަދޫ ސަނީޑޭލް، އަހުމަދު ގައިސް ހިމެނެއެވެ.
އެ 36 ބޭފުޅުންގެ ތެރެއިން ރައީސް އިސްކަން ދެއްވާ މެމްބަރުން ތަރުތީބުކޮށް މަޖިލީހަށް ފޮނުވި އިރު ގައިސްގެ ނަން އޮތީ ތިންވަނައިގަ އެވެ. އެއްވަނައިގައި ޓީވީ ޕްރެޒެންޓަރު ގ. މަސްއޮޑިގެ ޝިފްލާ އިބްރާހިމް އޮތް އިރު ދެވަނައިގައި އޮތީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކުރިން ރައީސް އޮފީހާއި ދައުލަތުގެ އެކި ވަޒީފާތައް އަދާކުރެއްވި ގ. ޑޭޒީގޭ މުހައްމަދު ހިލްމީގެ ނަމެވެ.
ބްރޯޑްކޮމްއިން ހުސްވި ދެ މަގާމަށް ކުރިމަތިލި 36 މީހުންގެ ތެރެއިން ނުވަ މީހަކު އިންޓަވިއުއަށް ދައުވަތު ދިނުމުން ހާޒިރުވެފައި ނުވެ އެވެ. އަދި ހަަތަރު ބޭފުޅަކަށް ނުގުޅިގެން އިންޓަވިއު ކުރެވިފައެއް ވެސް ނުވެ އެވެ.
އިންޓަވިއު ކުރުމަށް ފަހު ކޮމިޓީގެ މެމްބަރުން ވަނީ ދެ ބޭފުޅަކު ބްރޯޑްކޮމްއަށް ހޮވުމަށް 12 މީހެއްގެ ނަން ތަޅުމަށް ފޮނުވަން ފާސްކޮށްފަ އެވެ. މުހައްމަދު ހިލްމީގެ ނަން ފޮނުވަން ފާސް ނުވުމުން މިހާރު ގައިސްގެ ނަން އޮތީ ދެވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ހަމަ ޝިފްލާގެ ނަމެވެ.
ކޮމިޓީއިން ނަންތައް ތަޅުމަށް ފޮނުވާފާއިވާ ތަރުތީބު:
ޝިފްލާ އިބްރާހިމް، ގ. މަސްއޮޑިގެ
- އަހުމަދު ގައިސް، ސަނީޑޭލް، ގދ. ތިނަދޫ
- އަލީ ޔޫސުފް، ބާރަނާ، ޅ. ހިންނަވަރު
- އަހުމަދު ފައިރޫޒް، މއ. ރަސްއައިން
- ސައުދާ ސަލީމް، ރަބީއުމަންޒިލް، ހއ. ހޯރަފުށި
- އަބްދުއްލަތީފު އަހުމަދު، ދަފްތަރު ނަމްބަރު 2345
- އިބްރާހިމް އަޝްރަފު، ވ. މަށިވެލި
- މޫސާ ރިލްވާން، މ. ހާވިލާ
- މުއުމިނާ އާދަމް، ގ. ހާފްސީ
- ފާތިނާ ގާސިމް، ދަފްތަރު 4055
- އިސްމާއިލް ސާޖިދު، މއ. ވިލާރޮނދި
- މުހައްމަދު ސަނޫން، ނައިޓްވިލާ، ބ. ފެހެންދޫ
މި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު ބްރޮޑްކޮމްއަށް އައްޔަން ކުރަން ރުހުން ދޭން ޖެހޭއިރު، މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނީ ކޮމިޓީގެ ރިޕޯޓްގައި ނަންތައް އޮތް ތަރުތީބުން އެވެ. އެންމެ މައްޗަށް އޮތް ދެ ނަން ތަޅުމުން ފާސްވެއްޖެ ނަމަ، ބާކީ ހުރި ނަންތަކަށް ތަޅުމުގައި ވޯޓަކަށް ނާހާނެ އެވެ.
ގައިސް އަކީ މީގެ ކުރިން އެމްޑީޕީގެ ފަރާތުން ގދ. އަތޮޅު ކައުންސިލަށް އިންތިހާބުވި ބޭފުޅެކެވެ. އަދި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައިވެސް އޭނާ ވާދަ ކުރެއްވި އެވެ. އޭގެ އިތުރުން އެމްޑީޕީގެ ތިނަދޫ ގޮފީގެ ރައީސްކަންވެސް އޭނާ ކުރެއްވި އެވެ. އޭނާ މީޑިއާގެ ދާއިރާގެ މަސައްކަތެއް ކުރިކަން އެނގިފައި ނުވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީޕީއެމްގެ އެކްޓިވިސްޓުންނަށް ބްރޮޑްކޮމްގެ މެންބަރުކަން ދިނުމުން އެކަމަށް ފާޑިކިޔުން އަމާޒުވެފައިވެ އެވެ.
ބްރޯޑްކޮމްގެ ހަތަރު މަގާމެއް މިވަގުތު އޮތީ ހުހަށެވެ. ބްރޯޑްކޮމްގެ ރައީސްކަމުން މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވުމާއި ނައިބަކަށް ހުންނެވި، ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމުން ހުސްވި މަގާމަށް ބޭފުޅުން އައްޔަން ކުރުމަށް ފޮނުއްވި ނަންތަކާ މެދުވެސް ވަނީ މިހާރު ކޮމިޓީއިން ގޮތެއް ކަނޑައަޅައިފަ އެވެ.
އެގޮތުގެ ޝަހީބު އިސްތިއުފާ ދިނުމުން، ބްރޯޑްކޮމްއަށް ހަމަޖައްސަން ރައީސް މަޖިލީހަށް ފޮނުއްވި ހަތަރު ނަންފުޅުގެ ތެރެއިން ކޮމިޓީއިން ފާސްކޮށް ވަނީ ތިން ނަމެއް ތަޅުމަށް ފޮނުވައިފަ އެވެ. އެއީ؛
1. މަރިޔަމް ވަހީދާ، ގ. ހިލްމަން
2. އާމިނަތު އަމީނާ، ހަނދުވަރީގެ، ލ. ކުނަހަންދޫ
3. އާއިޝަތު ދިޔާނާ ތޯހިރު، ސެވަންސްޓާ، ސ. ހިތަދޫ
މީގެ އިތުރުން، ކޮމިޝަންގެ ނައިބު ޒައިނާ ވަކިކުރުމުން ބަދަލުގައި ހަމަޖައްސަން ރައީސް ފޮނުއްވި ތިން ނަމުގެ ތެރެއިން އެއްވެސް ނަމެއް ތަޅުމަށް ފޮނުވަން ކޮމިޓީގައި ފާހެއް ނުވި އެވެ. އެހެންވެ، އެ މަގާމަށް ހަމަޖެއްސުމަށް އަލުން ނަންފުޅުތަކެއް ފޮނުއްވައި ދެއްވުމަށް ރައީސްއަށް ދެންނެވުމަށް ވެސް ކޮމިޓީއިން ވަނީ ނިންމައިފަ އެވެ.