ވިއްސާރައިގެ ސަބަބުން ދެކުނުގެ އަތޮޅުތަކަށް ނެރުނު ޔެލޯ އެލާޓުގެ މުއްދަތު މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އިތުރުކޮށްފި އެވެ.

މިއަދު ދެކުނަށް އެންމެ ފުރަތަމަ ޔެލޯ އެލާޓު ނެރުނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. އެ ސަރަހައްދަށް ޔެލޯ އެލާޓު ނެރުނީ މިއަދު 11:00 އިން 15:00 އަށެވެ.

އެކަމަކު، ޔެލޯ އެލާޓުގެ ނެރުނު ސަރަހައްދު އައްޑޫ ސިޓީއިން ފެށިގެން ތ. އަތޮޅާ ހަމައަށް ބޮޑުކޮށް، އެލާޓުގެ މުއްދަތު މިހާރު ވަނީ 15:00 އިން 17:30 އަށް އިތުރުކޮށްފަ އެވެ.

ޅ. އިން ފެށިގެން ހއ. އާ ހަމައަށް މިހާރު އޮތީ ވައިޓް އެލާޓް ނެރެފައެވެ. އެ އެލާޓު ނެރުނީ މިއަދު 14:30 އިން 18:30 އަށެވެ.

ރާއްޖެ ބޮޑު ބަޔަކަށް މިހާރު ކުރަމުން މި ދަނީ އިރުވައި މޫސުން ނިމަ ހުޅަނގު މޫސުން ފެށޭ (ދެ މޫސުން ބެދޭ) ވިއްސާރަ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. މި ހަފްތާ ބަންދުގެ ތެރޭގައި ވެސް މޫސުން ގޯސްވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ރާއްޖެ ބޮޑު ބަޔަކަށް މިހާރު ވިއްސާރަކުރަމުންދާއިރު ފުވައްމުލައް ސިޓީގައި ފެންބޮޑުވެ ބައެއް ގެތަކަށް ވަނީ ފެންވަދެފަ އެވެ.