ނ. އަތޮޅުގެ އަތޮޅު ކައުންސިލަރުން މަނަދޫގައި ތިބޭނެ ތަނެއް ނެތިގެން ވަގުތީ ގޮތުން އެ ކައުންސިލަރަކު ނިސްބަތްވާ ރަށު ކައުންސިލަށް ވަޒީފާ އަށް ނުކުންނަ ގޮތަށް ނިންމައިފި އެވެ.

އަތޮޅު ކައުންސިލުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ނިންމާފައި ވަނީ އެ ކައުންސިލަރަކު ނިސްބަތްވާ ރަށުގައި މަސައްކަތް ކުރާގޮތަށް ބަދަލުކޮށްފަ އެވެ.

އެ ކައުންސިލުން ބޭއްވި ބައްދަލުވުން ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ، އަތޮޅު ކައުންސިލުގައި ހިމެނޭ ރަށުން ބޭރު ކައުންސިލަރުން މިހާރު ދިރިއުޅުއްވަމުން ގެންދަވާ މަނަދޫގައި ހުންނަ ނ. އަތޮޅުގެ ސްޓޭޓް ހައުސް މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވާތީ، މަނަދޫގައި ދިރިއުޅޭ އަތޮޅު ކައުންސިލަރުން، އެ މަސައްކަތް ނިމެންދެން ކައުންސިލަރުންގެ ރަށު ކައުންސިލު އިދާރާއަށް ނިކުތުމަށް ނިންމާފައިވާ ކަމަށެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އަތޮޅު ކައުންސިލުގެ ނައިބު އާދަމް ފާއިޒް ވިދާޅުވީ އަތޮޅު ކައުންސިލުން އެގޮތަށް ނިންމާފައި ވަނީ ލޯކަލް ގަވާންމެންޓް އޮތޯރިޓީ (އެލްޖީއޭ)އާ މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ.

އަތޮޅު ކައުންސިލުގައި ހަތަރު މެމްބަރުން ހިމެނޭއިރު ސްޓޭޓް ހައުސް ހުންނަ މަނަދޫއަށް ނިސްބަތް ވަނީ އެއް މެމްބަރެވެ. ދެން ތިބޭ މެމްބަރުންނަކީ ކެނދިކުޅުދޫ އާއި ހޮޅުދޫ އަދި ވެލިދޫއަށް ނިސްބަތްވާ ބޭފުޅުންނެވެ.

އޭނާ ވިދާޅުވީ އެ މެމްބަރުން ދެން ވަޒީފާއަށް ނިކުންނާނީ އެ ބައެއްގެ ރަށު ކައުންސިލު އިދާރާއަށް ކަމަށެވެ.

ކުރިއަށް އޮތް 40 އެއްހާ ދުވަސްތެރޭގައި މަރާމާތުގެ މަސައްކަތް ނިމުމުން އަނބުރާ މެމްބަރުން ސްޓޭޓް ހައުސް އަށް ބަދަލުވާނެ ކަމަށް ފާއިޒު ވިދާޅުވި އެވެ.

ފާއިޒު ވިދާޅުވީ ވަގުތީ ގޮތުން ރަށު ކައުންސިލަށް ބަދަލުވި ނަމަވެސް ކޮންމެ ހަފްތާގެ ބުދަ ދުވަހެއްގައި އަތޮޅު ކައުންސިލުން ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ބޮޑު ކަމެއް ޖެހިއްޖެ ނަމަވެސް މެމްބަރުން ބައްދަލުކުރައްވާނެ ކަމަށެވެ.