30 Nov 2019, 08:21
ދެހާސް ތިން ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ހަންގާމާ"ގެ ސީކުއަލް އަށް އެކްޓަރު ޕްރަނީތާ ސުބާޝް ސޮއިކޮށްފި އެވެ.
އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ބަތަލާ އެ ފިލްމަށް ސޮއިކޮށްފައިވާކަމަށް ފިލްމުގެ ޑައިރެކްޓަރު ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ޕްރަނީތާ ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދާއިރު ފިރިހެން ލީޑް ރޯލުން ފެނިގެންދާނީ "މަލާލް" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރު މީޒާން ޖެފްރީ އެވެ.
އޭނާ ވެސް މިހާރު ވަނީ މި ފިލްމަށް ސޮއިކޮށްފަ އެވެ. ޑައިރެކްޓަރު ޕްރިޔާ ދަރުޝަން ބުނީ ފިލްމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މި ފަހަރުގެ ފިލްމުވާނީ ކުރީގެ ފިލްމާ އަޅާ ބަލާއިރު މާބޮޑުތަން ވެސް ރަނގަޅު ފިލްމަކަށް ކަމަށެވެ.
ދެހާސްތިން ވަނަ އަހަރު ނުކުތް އެ ފިލްމުގެ ލީޑުގައި ހަރަކާތްތެރިވި ތަރިންނަކީ އަކްޝަޔޭ ކަންނާ، ރިމީ ސެން އަދި އަފްތާބް ޝިވްދަސާނޫ އެވެ.
މިފަހަރުގެ ސީކުއަލްގައި އަކްޝަޔޭ އާއި ރިމީ ނުފެންނާނެ އެވެ.