ށ. ޅައިމަގު ހެލްތު ސެންޓަރުން މުއްދަތު ހަމަވެފައިވާ ވެކްސިނެއް އެ ރަށު ތުއްތު ކުއްޖެއްގެ ގަޔަށް ޖަހައިފި އެވެ.
ޅައިމަގު ހެލްތު ސެންޓަރުން މިއަދު ބުނީ ތިން މަހުގެ އަންހެން ކުއްޖަކަށް މުއްދަތު ހަމަވެފައިވާ ޕޯލިއޯ ވެކްސިން ދެވުނީ އޮޅުމަކުން ކަމަށެވެ. އަދި އެ ވެކްސިން އެ ކުއްޖާގެ ގަޔަށް ޖެހުނީ މުއްދަތު ހަމަވެގެން ވެކްސިން ނައްތާލަން ނަގާފައި ވަނިކޮށް ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

އަދި އެކަމުގެ ސަބަބުން އެއްވެސް ކަހަލަ ކަމެއް ދިމާވިކަން އެނގިފައިނުވާ ކަމަށް ވެސް ހެލްތު ސެންޓަރުން ބުންޏެވެ.
"އަޅުގަނޑުމެންނަށް އެކަން އެނގުނީ ވެކްސިން އަށް ރިކްއެސްޓް ކުރި އިރު މައްސަލައެއް އުޅޭ ކަމަށް ފާހަގަ ކުރެވިގެން ބެލުމުން،" ހެލްތު ސެންޓަރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ފަހަކަށް އައިސް ރާއްޖޭގެ ބައެއް ރަށްރަށުން ތުއްތު ކުދިންނަށް ވެކްސިން ދިނުމުގައި ތަފާތު މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ.

އެގޮތުން ރ. އިންނަމާދޫގައި އިންޑިއާގެ ނުވަ މަހުގެ ތުއްތު ކުއްޖެއްގެ ގަޔަށް 10 ކުދިންގެ މީސިލްސް ވެކްސިން ދިން މައްސަލައެއް ހޫނުވެ، ކަމާ ބެހޭ މުއައްސަސާތަކުން ވަނީ އެކަން ބަލައިފަ އެވެ. އަދި ހަމަ ގދ. ފިޔޯރީގައި ވެސް ތުއްތު ކުއްޖަކަށް އޯވަޑޯޒްވާ ވަރަށް ވެކްސިން ދިން މައްސަލައެއް މި އަހަރު ތެރޭ ވަނީ ފެންމަތިވެފަ އެވެ.