29 Nov 2019, 15:29
ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާން ހަސަން ނޫރައްދީން (ދެވަނަ)ގެ ދަރިކަނބަލުން އަލްއަމީރާ އަނީސާ ނޫރައްދީން އަވަހާރަވެއްޖެ އެވެ.
ނަވާރަސަތޭކަ ތިރީސް ހަތަރު ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އަނީސާ ނޫރައްދީން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، މިއަދުގެ ވަގުތެއްގައި ސްރީލަންކާގެ ބައްތަރަމުއްލަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 87 އަހަރުފުޅެވެ.
އަލްއަމީރާ އަނީސާ ނޫރައްދީން ވަނީ ތިން ކައިވެންޏެއް ބައްލަވައިގަތެވެ. އެކަމަނާ ކައިވެނި ބައްލަވައިގެންނެވި ބޭފުޅުންގެ އެއީ ކުރީގެ ބޮޑުވަޒީރު އަހްމަދު ޒަކީ، އަދި ކުރީގެ ފުޓުބޯޅަކުޅުންތެރިޔާ މއ. ބޮޑުގަލުމާފަތްގޭ ސައްޔިދު އަހްމަދު، އަދި މީދޫ އަބްދުލްއަޒީޒެވެ.
އަނީސާގެ ބައެއް ބޭފުޅުންގެ ތެރޭގައި ރާއްޖޭގައި އުފެދުނު ކުޅިވަރުގެ އެންމެ ވަރުގަދަ ދެ ޝަޚުސިއްޔަތު ކަމުގައިވާ ސައްޔިދު އަލީ އަދި އަލްމަރުހޫމް ސައްޔިދު ހަސަން، އަދި ކުރީގެ ފުލުސް ކޮމިޝަނަރު އަހްމަދު ފަސީހުވެސް ހިމެނެއެވެ.

އަލްއަމީރާ އަނީސާ ނޫރައްދީން (ފަހަތު ބަރިން މެދުގައި)، އަދި ދޮންމަންމާފުޅު ކުދިބަތްގޭ ދީދީ (ފަހަތު ބަރިން ކަނާތުގައި) އަދި ބައްޕާފުޅު އައްސުލްތާން ހަސަން ނޫރައްދީން (ކަނާތްފަރާތުގައި އިށީންނަވައިގެން) -- ފޮޓޯ/ ވޮނަދޮނަ ރާއްޖެ (ފޭސްބުކް)
އައްސުލްތާން ހަސަން ނޫރައްދީން (ދެވަނަ)އަށް ހަ ބޭފުޅަކު ލިބިވަޑައިގަތެވެ. އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ ހ. ކަކާގޭ އަލްއަމީރާ ޒަރީނާ ނޫރައްދީނާއި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ މއ. ތާނގީދޮށުގޭ އަލްއަމީރު މުހައްމަދު ނޫރައްދީނެވެ.
އައްސުލްތާން ހަސަން ނޫރައްދީނުގެ ބައްޕާފުޅަކީ އައްސުލްތާން ހަސަން އިއްޒުއްދީން (ދޮންބަންޑާރައިން)ގެ އައްސުލްތާން ހަސަން އިއްޒުއްދީން (އެއްވަނަ)އިގެ އައްސުލްތާން މުހައްމަދު މުއީނުއްދީން އެއްވަނަ (ކުޑަ ބަންޑާރައިން)އެވެ. ނޫރައްދީން ރަދުން ރަސްކަމުން އިސްތިއުފާދެއްވީ 1943 ވަނަ އަހަރުއެވެ. އަދި އެ ރަދުން އަވަހާރަވީ 15 އޭޕްރިލް 1963 ގައެވެ.