ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޖަލު ހުކުމް ތަންފީޒު ކުރާނެ ޖަލެއް ކަނޑައެޅުމުގެ ކުރިން ހަދަން ޖެހޭ މެޑިކަލް ޓެސްޓުތައް ހަދަން މިއަދު އައިޖީއެމްއެޗްއަށް ގެންގޮސްފި އެވެ.

ރައީސް ޔާމީނުގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އިއްޔެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ރައީސް ޔާމީން ހުކުމް ތަންފީޒު ކުރާނީ ކޮން ޖަލެއްކަން ކަނޑައަޅާނީ ހަަދަން ޖެހޭ މެޑިކަލް ޓެސްޓުތައް ހެދުމަށް ފަހު ކަމަށެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ވަގުތީ ގޮތުން މާލޭ ޖަލުގައި ބަހައްޓައިފަ އެވެ.

މެޑިކަލް ޓެސްޓުތައް ހެދުމަށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަރެކްޝަންސް އިން ރައީސް ޔާމިން އައިޖީއެމްއެޗްއަށް ގެންދިޔަ އެވެ. އެކަން، އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. ޓެސްޓުތައް ހަދައި ނިމުމުން އެމަނިކުފާނު މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ހުކުމް ކުރީ އިއްޔެ މެންދުރު އެވެ.

ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުން ކަނޑައެޅީ އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށެވެ. އަދި ކުށުގެ އަދަބެއްގެ ގޮތުން ފަސް އަހަރުގެ ޖަލު ހުކުމެއްކޮށް ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ޖޫރީމާނާ ކުރި އެވެ.