ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފުވައްމުލުގައި ފެންބޮޑުވެ އެ ސިޓީގެ ބައެއް ގެތަކަށް ފެންވަދެއްޖެ އެވެ.

ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ފެންވަނީ ދަނޑިމަގު އަވަށުގެ ގެތަކަށެވެ. ފެން ވަނުމުގެ ސަބަބުން ގެއްލުންވި ގެތަކަށް ފުވައްމުލަކުގައި ހުންނަ އެމްއެންޑީއެފް ސަދަން އޭރިއާ ފުވައްމުލަކު ފަޔާ ސްޓޭޝަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުގެ މެމްބަރު ހަމަދު އަބްދުﷲ "ސަން"އަށް ވިދާޅުވީ، ފެން ވަދެފައި ވަނީ ކިތައް ގެއަށް ކަމެއް އަދި ނޭނގޭ ކަމަށެވެ. އެހެންނަމަވެސް، ކަައުންސިލުން މިހާރު ގެތަކަށް ގޮސް މައުލޫމާތު އެއްކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަދު ވިދާޅުވި ގޮތުގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވާން ކައުންސިލުގެ މުނިސިޕަލްޓީއިން ވެސް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ރާއްޖެ ބޮޑު ބަޔަކަށް މިހާރު ކުރަމުން މި ދަނީ އިރުވައި މޫސުން ނިމަ ހުޅަނގު މޫސުން ފެށޭ (ދެ މޫސުން ބެދޭ) ވިއްސާރަ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. މި ހަފްތާ ބަންދުގެ ތެރޭގައި ވެސް މޫސުން ގޯސްވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވާނެ ކަމަށް ލަފާކޮށް މިހާރު ވެސް ވަނީ ޔެލޯ އެލާޓް ނެރިފަ އެވެ. އެއީ ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.