ކައިވެންޏާ ނުލައި ޖިންސީ ގުޅުން ހިންގައިގެން އަންހެނުންގެ ގައިގާ ހައްދު ޖެހުމަކީ ޑިމޮކްރެޓިކް ގައުމެއްގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ބުނެ އެކަމާ ބެހޭ ގޮތުން ރާއްޖޭގައި އާއްމު ބަހުސެއް ބާއްވަން ވެއްޖެ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ނަވަނެތެމް ޕިލޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އެ މަޖިލީހުގެ މެމްބަރުންނާ މުހާތަބުކުރައްވަމުން ޕިލޭ މިއަދު ވިދާޅުވީ ހައްދު ޖެހުމަކީ ރާއްޖޭގައި އަންހެނުންނާއި އަންހެން ކުދިންނާ މެދު ތަފާތު އަނިޔާތައް ކުރުން އިތުރުވަމުންދާކަން ހާމަކޮށްދޭ އެންމެ ބޮޑު ކަންތައް ކަމަށެވެ. އަދި ވިދާޅުވީ އެކަމަކީ އަންހެނުންގެ ޝަރަފަށް އުނިކަން ލިބި އެބައިމީހުންނަށް ކުރެވޭ އެންމެ ލާއިންސާނީ އަނިޔާކަމަށް ދެކޭ ކަމަށެވެ.

"]ހައްދުޖެހުމަކީ[ އަންހެނުންގެ ޝަރަފަށް އުނިކަން ލިބި އެބައި މީހުންނަށް ކުރެވޭ އެންމެ ލާއިންސާނީ އަނިޔާކަމަށް ދެކެން. މިއީ ޑިމޮކްރެޓިކް ގައުމެއްގައި އޮވެގެން ވާނެ ކަމެއް ނޫން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ކަންބޮޑުވާން ޖެހޭ މިކަމާ އާއްމު ބަހުސެއް ރާއްޖޭގައި ބާއްވަން ވެއްޖެ،" ޕިލޭ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ގެވެށި އަނިޔާ ހުއްޓުވުމާ ބެހޭ ބިލާއި މުޖުތަމައުގެ ހަމަހަމަކަން ލިބިދޭ އެހެނިހެން ބިލްތައް ލަސްނުކޮށް ފާސްކޮށްދިނުމަށް ޕިލޭ މިއަދު ގޮވައިލެއްވި އެވެ.

ކައިވެންޏާ ނުލައި ޖިންސީގުޅުން ހިންގުން( ޒިނޭ) ކުރުމުން ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގައި އެކަމަށް ކަނޑައަޅުއްވާފައިވާ އަދަބެއް ކަމަށް އިލްމުވެރިން ވިދާޅުވި އެވެ.