ބޮލީވުޑްގެ ތަރިންނަށް ދޭ އެންމެ ހާއްސަ އެވޯޑް ފިލްމުފެއާ އަންނަ އަހަރު އައްސާމް ސްޓޭޓްގެ ގުވާހަޓީގައި ބާއްވަން ނިންމައިފި އެވެ.

ފުރަތަމަ ފަހަރަށް މުމްބާއީ އިން ބޭރުގައި ފިލްމުފެއާ އެވޯޑް އަންނަ އަހަރު ބޭއްވުމަށް ނިންމައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އަންނަ އަހަރު ބާއްވާ 65 ވަނަ ފިލްމުފެއާ އެވޯޑް އައްސާމުގައި ބާއްވާއިރު އެންމެ ބޮޑަށް އަމާޒު ހިފާފައި ވަނީ އައްސާމް ސްޓޭޓްގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށެވެ.

އައްސާމްގެ ޗީފް މިނިސްޓަރު ސަރުބަންދަނާ ސޮނޮވާލް ވިދާޅުވީ ބޮލީވުޑްގެ އެތަކެއް ފަންނާނުންނަށްދޭ އެންމެ ހާއްސަ އެވޯޑް މިއަންނަ އަހަރު އައްސާމުގައި ބޭއްވުމަކީ އެކި ގޮތްގޮތުން ފައިދާކުރަނިވި ކަމަކަށްވާނެ ކަމަށެވެ. އަދި ސަރުކާރުން ދެވެން އޮތްހާ އެއްބާރުލުމަކާއި އެހީތެރިކަމެއްދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޚަބަރުތައް ބުނާ ގޮތުގައި އަންނަ އަހަރުގެ ފިލްމުފެއާ އެވޯޑު ހަފްލާ އޮންނާނީ ފެބްރުއަރީ 15ގަ އެވެ. އެންމެ ފުރަތަމަ ފިލްމުފެއާ އެވޯޑް ހަފްލާ އެއް ބޭއްވީ 1954ގަ އެވެ.