28 Nov 2019, 22:45
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން މި ހަފްތާ ބަންދު ތެރޭގައި ކުށުގެ ރެކޯޑު ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދާނެކަމަށް އެ އިދާރާއިން ބުނެފިއެވެ.
ޑީޖޭއޭއިން މިހެން ބުނެފައި މި ވަނީ، މިއަދު ހުސްވި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ހުޅުވާލާފައި ވަނިކޮށެވެ. ރައީސް އޮފީހުން ޕީޖީގެ މަގާމަށް ހުށަހެޅުމަށް ދިން ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހަށެވެ.
މިރެއާ އާދީއްތަ ދުވަހާ ދެމެދު އޮތީ ހަފްތާ ބަންދުގެ ދެ ދުވަހެވެ.
ޑީޖޭއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި ހުށަހަޅާ ފޯމު، މާދަމާ މެންދުރުފަހު 3:00 އިން ރޭގަނޑު 9:30 ގެ ނިޔަލަށް އެ އިދާރާއިން ބަލައިގަންނާނެ ކަމަށެވެ.
އަދި ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:30 އިން ފެށިގެން ރޭގަނޑު 8:30 ގެ ނިޔަލަށް ރެކޯޑު ދޫކުރާނެކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އާއިޝަތު ބިޝާމް މިއަދު ހެނދުނު އިސްތިއުފާދެއްވުމުގެ ސަބަބުންނެވެ.
ބިޝާމް މަގާމުން އިސްތިއުފާދެއްވީ އޭނާގެ މައްޗަށް ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ބަލަމުން އަންނަ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް މިއަދު ހެނދުނު 11:00 އަށް އެ ކޮމިޓީއަށް ހާޒިރުވުމަށް ނޯޓިސް ފޮނުވާފައި ވަނިކޮށް އޭގެ ކުރިންނެވެ.
ޕީޖީ އޮފީސް މެދުވެރި ކުރައްވައި ބިޝާމް މިއަދު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން ކުރާ މަސައްކަތަކީ އިހްލާސްތެރި ނިޔަތެއްގައި ކުރިއަށް ގެންދަވާ މަސައްކަތެއް ނޫން ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގެ ނައްޞާއި ރޫހާ އެއްގޮތަށް ކުރިޔަށްގެންދާ އިޖުރާއަތްތަކެއްކަމުގައި ގަބޫލުނުކުރެވޭ ކަމަށްވެސް ބިޝާމް ވިދާޅުވިއެވެ.
ޕީޖީ ބިޝާމް އިސްތިއުފާ ދެއްވިއިރު، އެކަމަނާ ވަކިކުރުމަށް މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން މަޖިލީހަށް ހުށަހަޅާފައިވެ އެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ އެކަން މަޖިލީހުގެ ތެރެއިން އޮތީ ހިނގާ ގޮތް ނުވެފައެވެ.